ތުރުކީ ވިލާތުގެ ރައީސް ތައްޔިބު އުރްދުގާން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ރައީސް އުރްދުގާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނު ކޯވިޑްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނުގެ އިތުރުން އަނބިކަނބަލުން ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވިއެވެ.
އުމުރުން 67 އަހަރުގެ އުރްދުގާން ވިދާޅުވީ، ހުރިހާ ރައްޔިތުންގެ ހެޔޮ ދުޢާއަށް އެދިވަޑައި ގަންނަވާ ކަމަށެވެ. އަދި ގެކޮޅުގައި ހުންނަވައިގެން ވެސް މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
"މިއީ އޮމިކްރޯން ވޭރިއެންޓް ކަމަށް ވަނީ އެނގިފައި،" އުރުދުގާން ވިދާޅުވި އެވެ.
ޕޮޒިޓިވްވި ނަމަވެސް އެއީ، އާދައިގެ އިންފެކްޝަނެއް ކަމަށާއި، ހާލުކޮޅު ރަނގަޅު ކަމަށް ވެސް ތުރުކީގެ ރައީސް ތައްޔިބު އުރްދުގާން ވަނީ ވިދާޅުވެފައެވެ.
ވެކްސިން ވެސް ޖައްސަވާފައިވާ އުރުދުގާން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޔުކްރޭނަށް ޒިޔާރަތެއް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!