އުތުރުގެ ފެރީ ނިޒާމްގައި ބޭނުންކުރުމަށް ބަނދެފައިވާ 4 ފެރީއެއްގެ މަސައްކަތް ނިންމައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި ލޯންޗު ފެރީތަކަކީ ގަލްފް ކްރާފްޓުން ބަނދެފައިވާ ލޯންޗުތަކެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 11 އޭޕްރިލް 2021 ގައެވެ.
އެމްޓީސީސީން، ގަލްފް ކްރާފްޓް މޯލްޑިވްސް އާ ހަވާލުކުރީ 50 މީހުންގެ ޖާގައިގެ 17 ސްޕީޑް ފެރީއެއް ބަނުމަށެވެ. 30 ނޮޓް ގެ ބާރުމިނެއްގައި ދުވާ މި ފެރީގައި ފަސިންޖަރުންގެ ސީޓާއި، ކެބިން ފަރުމާކުރެވޭނީ މިފަދަ ދަތުރުތައްކުރުމަށް އެންމެ އެކަށޭނަ ގޮތަށެވެ. އަދި ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ އިންތިޒާމްތަކެއް ވެސް މިފެރީތަކުގައި ހުންނާނެއެވެ.
“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” ޕްރޮޖެކްޓްގައި ރާއްޖޭގެހަ ސަރަހައްދެއް ހައިސްޕީޑް ފެރީއިން ގުޅާލާނެއެވެ.
މި ޕްރޮޖެކްޓުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ހއ. ހދ. އަދި ށ. އަތޮޅުގެ 41 ރަށެވެ. މި ރަށްތަކުގައި ފެރީ ގިމަތަ އެޅުމުގެ މަސައްކަތް މިހާރު ވެސް ދަނީކުރަމުންނެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" އަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތަށް، ނޭޝަނަލް ސްޕެޝަލް ޕްލޭން(2020-2040) ގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅާލުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ފެރީ ނެޓްވޯކުން ހަ ރީޖަންގެ ހުރިހާ ރަށެއް ގުޅާލާއިރު، އެއް ރީޖަންއަނެއް ރީޖަނާ ވެސް ގުޅުވާލާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!