އުރީދޫ މޯލްޑިވްސްއަށް އާންމު ހިއްސާދާރު ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

އުރީދޫގެ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލާން ހުޅުވާލީ ހުސްވި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ކޯވިޑް-19 ފެތުރެމުންދާ ވަރަށް ބަލައި, ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައި ހިއްސާދާރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް އުރީދޫން ބުންޏެވެ.

Ad
rt

އެ ކުންފުނިން ބުނީ ފޯމު ހުށަހަޅަންޖެހޭ ވަގުތު ފާއިތުވި އިރު, ބައެއް ހިއްސާދާރުން ހުށަހަޅާފައިވާ ފޯމާއެކު ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅާފައި ނުވާ ކަމަށާއި އަނެއްބައި ފަރާތްތަކަކީ މަގާމުގެ ޝަރުތުތައް ހަމަ ނުވާ ކަމަށެވެ. އެހެންވެ ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއެކު ފުރިހަމަކޮށްފައިވާ ފޯމެއް ހުށަހެޅުމުގެ ހަމަހަމަ ފުރުސަތު އެ ކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް ފޯރުކޮށްދިނުމަށް ކަމަށް އަލުން ފުރުސަތު ހުޅުވާލީ ކަމަށް އެ ކިންފުނިން ބުންޏެވެ.

އުރީދޫގެ ބުނެފައިވާ ގޮތުން, އެ މަގާމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ. ބޯޑު ޑިރެކްޓަރު ކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތަކުގެ ތެރެއިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނީ, ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީން ބަލައި, ޝޯޓް ލިސްޓު ކުރާ ފަރާތްތަކެވެ.

މި މަގާމަށް ކުރިމަތިލާ ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރަކު އައްޔަން ކުރާނީ އަންނަ މާޗު މަހު ބާއްވާ އަހަރީ އާންމު ޖަލްސާގައެވެ.