ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ތަމްރީނުވުމުގެ ފުރުސަތުތަކެއް ހުޅުވައިލައިފިއެވެ.
މިއީ ޔޫތު މިނިސްޓްރީއިން ކުރިއަށްގެންދާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ހުޅުވައިލައިފައިވާ ތަމްރީނުގެ ފުރުސަތުތަކެކެވެ.
އެސްޓީއޯއިން ވަނީ ހަ ދާއިރާއަކުން 26 މީހުންނަށް ފުރުސަތު ހުޅުވާލައިފައެވެ. އެއީ އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނެންސް އާއި އޮޓޮމޯޓިވް މެއިންޓަނަންސާއި ރީޓެއިލް ސާވިސަސް އާއިބމީޑިއާ ޕްރޮޑަކްޝަނާއި، ފޮޓޯގްރަފީ އަދި ރެފްރިޖެރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކްގެ ދާއިރާއެވެ.
ހަ މަސް ދުވަހަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ތަމްރީން ހޯދާ މީހުންނަށް އެލަވަންސެއްގެ ގޮތުގައި ގަޑި އިރަކަށް 40 ރުފިޔާ ދޭނެއެވެ. މި ފުރުސަތުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ގައުމީ ފެންވަރުގައި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ރޭވިފައި ވަނީ ސަރުކާރާއި ވަޒީފާދޭ ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި އަދި ތަމްރީނުދޭ މަރުކަޒުތައް ގުޅިގެންނެވެ.
މި ޕްރޮގްރާމް ނިންމާ މީހުންނަށް އެ ތަމްރީން ހޯދާ ދާއިރާއަކުން ނޭޝަނަލް ލެވެލް ތިނެއްގެ ސެޓްފިކެޓް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!