ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް ދިވެހި ރައްޔިތުންނަށް އެއްވެސް އުންމީދެއް ނުދެވުނު ކަމަށާއި، އެ މަނިކުފާނުގެ ވައުދަކީ ވެސް އަދި މެނިފެސްޓޯ އަކީ ވެސް ބަދަލުހިފުމުގެ ރޫހާއި ނަފުރަތުން ފުރިގެންވާ "އިންޑިއާ އައުޓް" އެޖެންޑާކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.
އެމްޓީޑީން މިއަދު އާންމުކުރި ބަޔާނެއްގައި ވަނީ ރާއްޖެއާއި އިންޑިއާއި އޮތް ޒަމާންވީ ގުޅުންތަކުގެ މައްޗަށާއި، އެކަމުން އޮތް ފައިދާތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. އަދި އިދިކޮޅުން މިހާރު އިންޑިއާ މިލިޓަރީ އައުޓް ނަމުގައި ކެމްޕޭނެއް ހިންގަމުން ދިޔަނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު ވެސް ވަނީ އިންޑިއާ އާއި ސިޔާސީ، އިގްތިސާދީ އަދި ދިފާއި އެތައް ގުޅުންތަކެއް ވަރުގަދަކޮށްފައިކަމަށް އެބަޔާނުގައި ބުނެފަވެއެވެ.
އެމްޓީޑީން ބުނީ، ރައީސް ޔާމީން ވަނީ އިސްވެ އިންޑިއާއާއި އެކީ ގުޅުން ބަދަހި ކުރުމައްޓަކައި އިންޑިއާގައި އެދިގެން ވެރިކަން ލިބުމުގެ ކުރިންނާ އަދި ވެރިކަން ލިބުމުގެ ފަހުންވެސް މަސައްކަތްކުރަށްވާފައި ކަމަށެވެ. އަދި އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު ވަޑައިގެންނެވީ ވެސް އިންޑިއާ އަށްކަމަށް ބުނެފަވެއެވެ.
ރައީސް ޔާމީން ސަރުކާރުން ފުރަތަމަ އެކުލަވާލި ޑިފެންސް އެގްރިމަންޓަކީ އެމަނިކުފާނު އެކަމަށް އެދި އެންޑޯސް ކޮށްގެން އިންޑިއާ އިން ދެވަނަ ހެލިކޮޕްޓަރު ގެނައުމުގެ އެގްރިމަންޓް ކަމަށާއި، އިތުރު މިލިޓަރީ ދޯނިޔާ މަތިންދާ ބޯޓެއް ގެންނަންވެސް އިސްވެ އިންޑިއާގައި އެދުނީ ރައީސް ޔާމީންކަން އޭރުގެ ގިނަ ވަޒީރުން ހެކިވާނެކަމަށް އެމްޓީޑީން ބުނެއެވެ.
"ރައީސް ޔާމީނަށް އިންޑިއާ، ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، ޔޫ.އެން އަދި ކޮމަންވެލްތުވެސް ގޯސްވީ ސިޔާސީ އެތައް ކުއްވެރިންނެއް ޖަލަށްލައިގެން އަނިޔާ ނުކުރުމަށާ، އިންސާފު ގާއިމުކޮށް އިންސާނީ ހައްގުތައް ހިމާޔަތް ކުރަން މިޑިމޮކްރެޓިކް ގައުމުތަކުންނާއި ޖަމާއަތްތަކުން ގޮވާލުމުންނެވެ." އެމްޓީޑީން ބުނެފަވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ 5 އަހަރުވެސް ޔޫއެންގައި ދިވެހިރާއްޖެ ތަމްސީލު ކުރަށްވަން އެމަނިކުފާނަށް ކެރިވަޑައެއްނުގަތް ކަމަށާއި، އަދި ކޮމަންވެލްތުން ރާއްޖެ ވަކިވީ ސަސްޕެންޑް ކުރާނެ ކަން ޔަގީން ވުމުން ކަމަށް އެމްޓީޑީން ވަނީ ބުނެފައެވެ.
އެ ބަޔާނުގައި އެ އެޕާޓީން ބުނީ މިދިޔަ ދެއަހަރު މުޅި ދުނިޔޭގައި ފެތުރެމުން މިދާ ކޯވިޑް-19 ކާރިސާ އާއި ބެހޭގޮތުން އެއްވެސް ހަމްދަރުދީގެ ބަސްފުޅެއްވެސް ރައީސް ޔާމީން ވިދާޅުވެފައި ނުވާކަމަށެވެ.
"މިހާތަނަށް ކޯވިޑް-19 ގެ ބަލިމަޑުކަމުގައި 261 ދިވެހި ރައްޔިތުން ނިޔާވެ، މުޅި ދުނިޔެއަށާއި ގައުމަށް ދިމާވެފައިވާ އިގްތިސާދީ
ގޮތުން ދަތި އުދަގޫ ދުވަސްވަރު އެއްވެސް ޒިންމާދާރުކަމެއް ނެތި ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދީ މިއަދު ރައީސް ޔާމީން ކުއްލިއަކަށް "އިންޑިއާއައުޓް" ޖަހައިގެން މަސައްކަތް ކުރައްވަނީ އިންޑިއާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތަކުގެ ސަބަބުން ހިތައް ކެތްނުވެގެންނެވެ." އެމްޓީޑީން ބުނެފަވެއެވެ.
އެ ޕާޓީން ބުނީ ރައީސް ޔާމީންގެ މަގްސަދަކީ އިންޑިއާއާއި މެދު ނަފްރަތު އުފައްދައި، އަމިއްލަ ފުޅަށް ކުރެއްވި ހުރިހާ ކަމެއް މަތިޖަހާ، ކޯވިޑްގެ މި ދަތިހާލުގައި ރާއްޖެއަށް ބޭރުން ލިބޭ އެހީ ތަކާއި އަދި ވިޔަފާރިތަކާއި އިންވެސްޓްމެންޓްތައް ހުއްޓުވާލުން ކަމަށެވެ.
އެމްޓީޑީން ބުނީ މިއަދު ރައީސް ޔާމީން "އިންޑިއާ އައުޓް" ޖަހައިގެން ޓީޝާޓް ތުރުކުރައްވައިގެން އިންޑިއާގެ 1 ބިލިއަނަށް ވުރެ ގިނަ ރައްޔިތުންނާ ދެކޮޅަށް ނަފުރަތު އުފައްދަން ހިންގަވަނީ ވަރަށް ހަރުކަށި އަދި ނާތަހުޒީބު ހަރަކާތެއްކަމަށެވެ. އަދި މިއަދު ރައްޔިތުންނަށް ކޯވިޑްގެ ސަބަބުން ދިމާވެފައިވާ ދަތިތަކުގެނާޖާއިޒު ފައިދާ ނައްގަވައިގެން ނަފުރަތާ ޖަޒުބާތުގައި ރައްޔިތުން ޖެއްސުމަކީ ދިވެހިރާއްޖެ ދެކެލޯބިވާ އެއްވެސް ލީޑަރެއް ކުރާނެ ކަމެއް ނޫންކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
"މިއަދު ރައީސްޔާމީނަށް އެއްވެސް އުންމީދެއް ރައްޔިތުންނަކަށް ނުދެވެއެވެ. ބަދަލުގައި އެމަނިކުފާނު ގެންގުޅުއްވަނީ ހުރިހާ ކަމަކަށް އެންމެ އެޖެންޑާއެކެވެ. އެމަނިކުފާނުގެވައުދަކީވެސް އަދި މެނިފެސްޓޯ އަކީވެސް ބަދަލުހިފުމުގެ ރޫހާއި ނަފުރަތުން ފުރިގެންވާ "އިންޑިއާ އައުޓް" އެޖެންޑާއެވެ." އެމްޓީޑީން ބުނެފަވެއެވެ.
ދިވެހިރާއްޖެއަށް މިކަމުން އެތައް ގެއްލުމެއް ލިބި އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލި މިގައުމު މުޅިދުނިޔެއާއި އެކަހެރިކޮށް ބާއްވަން
ބޭނުންވާ ލީޑަރެއް މިއަދު ހަރުދާނާ އެއްވެސް ދިވެހިރައްޔިތެއް ބޭނުމެއް ނުވާނެކަމަށާއި، ރައީސް ޔާމީން ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭންކުއްވެރިކުރާކަމަށާއި، މިކަމާ ފުންކޮށް ވިސްނައި އެކަމުން ދުރުހެލިވުމަށް ގޮވާލާކަމަށް އެމްޓީޑީގެ ބަޔާނުގައި ބުނެފަވެއެވެ.
އެމްޓީޑީއަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ އުފެއްދެވި ޕާޓީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!