ހުރިހާ ކާމިޔާބީއެއް ބިނާވެފައި ވަނީ ކަމަށް ޝައުޤުވެރިވާ ވަރެއްގެ މައްޗަށެވެ. ދިރިއުޅުމުގައި އެކި މަރުހަލާތަކުގައި، އެކި ހާލަތްތަކުގައި، އެކި ކަންކަމުގައި އަދި އެކި ވަގުތުތަކުގައި، އަޅުގަނޑުމެންގެ ޝައުޤުވެރިކަމުގެ މައްޗަށް ނުފޫޒު ފޯރުވާ ތަފާތު ކަންތައްތައް ހުރެއެވެ. އަދި ޝައުޤުވެރިކަން ބިނާވަނީ، އެކަމެއް ހާޞިލުކުރުމަށް ބޭނުންވާ މިންވަރުގެ މައްޗަށެވެ. އެހެނީ، ކާމިޔާބުކުރަން ބޭނުންވާ މިންވަރެއްގެ މައްޗަށެވެ. މި ބޭނުންވުން ގުޅެނީ ތިމާގެ ޤަބޫލުކުރުންތަކާއެވެ. މި ޤަބޫލުކުރުންތަކުގެ ސަބަބުން އުފެދި އިތުރުވަނީ ޝައުޤުވެރިކަމެކެވެ.

އެހެންކަމުން މިއީ ބުރެއްފަދަ ހުއްޓުމެއްނެތް ކަމެކެވެ. ކާމިޔާބުކުރަން ނުވަތަ ހާޞިލް ކުރުމަށް ބޭނުންވި ވަރަކަށް، ޝައުޤުވެރިކަން އުފެދޭނެއެވެ. ޝައުޤުވެރިވީ ވަރަކަށް އެކަން ކާމިޔާބާ ހަމައަށް ވާސިލް ކުރުމަށް މަސައްކަތްކުރާ މިންވަރު ބޮޑުވާނެއެވެ. އަޅުގަނޑުމެންގެ ނަފުސުގައި ކަމެއް ހާޞިލްކުރުމުގެ އެދުން ބޮޑުވިވަރަކަށް، ވަކި މަގަކަށް ތަބާވެ ކުރިއަށް ދިއުމަށް ފަސޭހަވެގެންދެއެވެ. ތިމާ ނުރުހޭ، ބޭނުންނުވާ އެތައް ކަމަކާއި ކުލަތަކަކާއި މަންޒަރުތަކަކުން މި ދުނިޔެ ފުރިފައިވީ ހިނދު، އެ ހުރިހާ ނުސިޔާރު ކަންކަމައި މަގުތަކާއި ނައްސި ވިސްނުންތައް އެއްފަރާތްކޮށް، ޝައުޤުވެރިވެގެން އަޅެ ކުރިޔަށް ދެވޭނީ ކިހިނަކުން ހެއްޔެވެ؟

Ad
rt

1 - އެލިއެނަރ ރޫޒްވެލްޓް ވަރަށް މަޝްހޫރު ބުނުމެއްގައި ވެއެވެ.

"މުސްތަގުބަލު އޮތީ އެމީހުންގެ އެދުންތަކުގެ ރީތިކަމަށް އިތުބާރު ކުރާ މީހުންގެ މިލްކެއްގެ ގޮތުގައެވެ."

ތިބާގެ އެދުންތަކާއި އަގުތަކާއި، ޢަޒުމްތަކުގެ އަގު އެންމެ ފުރަތަމަ ތިމާ އިޙްސާސްކުރާށެވެ. ނައްސި ވިސްނުންތެރިގެ ވާހަކަތައް އަޑުއަހާ ތިމާގެ އަގު ތިމާ ވެއްޔާ މޮޑެނުލާ ކުރިއަށް ދިއުމަށް ދަސްކުރާށެވެ. އެފަދަ މީހުންނާ، ކަންކަމާ، އެއްޗެހި އަދި ތަންތަނާވެސް ދުރުވާން ޖެހެ އެވެ. ކުރާ ކޮންމެ ކަމެއްގައި އާދަޔާ ޚިލާފު ނަތީޖާ ހާސިލުކުރުމުގެ އެދުން ތިމާ އަބަދުވެސް އިސްކުރާށެވެ.

2 - އަމިއްލަ ނަފްސާއި ޤާބިލުކަމަށް ފުރަތަމަ ތިމާ އިތުބާރުކުރާށެވެ. ތިމާއަކީ، އަގެއްނެތް މީހެއް ކަމުގެ ވިސްނުން ފުރަތަމަ ތިމާ ދޫކޮށްލާށެވެ. ތިބާ ތިޔަހުރި އޮފީހަށް، ތިޔަހުރި މަޤާމަށް، ތިޔަހުރި ވަޒީފާއަށް، ތިބާ ނަގާފައިތިޔަވަނީވެސް، ތިބާ އެހެން މީހުންނަށް މުހިއްމުވީމައެވެ. ތިބާގެ އޮފީހަށް ތިބާ މުހިއްމުވީމައެވެ. މީހާގެ ޝައުޤުވެރިކަން ފެށެނީ އެތެރޭން، ތިބާގެ ކުޅަދާނަކަން ގަބޫލުކުރާ މިންވަރެއްގެ މަތީންނެވެ. އެ ޤަބޫލުކުރުން ވަރުގަދަ ނަމަ ފެށުންވެސް ވަރުގަދަވާނެއެވެ.

3 – ކޮންމެ ކަމަކަށްވެސް، ވިސްނުންތެރިކަމާއެކުގައި ހުރިހާ ފަރާތަކުންވެސް ބަލައިލާށެވެ. ދިރިއުޅުމުގައި އަޑިގަންގަނޑާއި އުސްގަންގަނޑު އަންނާނެކަންވެސް ވިސްނަންޖެހެއެވެ. ހިތްވަރުދޫކޮށްނުލާ، ހުޅުވާލެވިފައިވާ ވިސްނުމެއް މަސައްކަތްކުރެވިއްޖެނަމަ، ދިރިއުޅުމުގައި އަޑިގަންގަނޑާއި އުސްގަންގަނޑު ކާމިޔާބުކަމާއެކުގައި ޙާޞިލުކުރެވިދާނެއެވެ.

4 – ލަނޑުދަނޑިއަށް ވާޞިލްވެވެންދެން މަސައްކަތްކުރާށެވެ. އޭނާގެ އާ އީޖާދުގެ ސަބަބުން 'އަހަރެމެންގެ ހަޔާތަށް އަލިކަންގެނެސްދިން' ތޯމަސް އެޑިސަން އޭނާ އުފެއްދި ބޮކި އުފައްދާ ފުރިހަމަކުރުމުގެ ކުރިން އެތައް ސަތޭކަ ފަހަރަކު ވަނީ ފެއިލްވެފަ އެވެ. އެދުވަހު އޭނާ އެކަމުން އަތްފޮޅާލާ ހަތިޔާރު ބަހައްޓާ ދުރައްޖެހުނުނަމަ، ކާމިޔާބު ހޯދާނެ އެހެން ފަހުލަވާނެއް ނުދެކޭހާ ހިނދަކު އޮތީ އަނދިރިކަމެވެ.

5 – ހަޔާތުގައި އެންމެ ބޮޑު އެއް 'ޚަޒާނާއަކީ' އާއިލާ އާއި ރަހުމަތްތެރިންނެވެ. ކޮންމެ ވަގުތަކުވެސް އެމީހުން ތިމާއަށް މުހިއްމުވާން ވާނެއެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ މި ހަޒާނާއިން ކޮންމެ ވަގުތެއްގައިވެސް ހިތްހަމަޖެހުން ހޯދަންވާނެއެވެ. އެމީހުންނަށްޓަކައިވެސް، ކަންކަން ކާމިޔާބުކުރުމަށް ކުރިއަށްދާންވާނެއެވެ. ތިބާގެ އުންމީދުތައް ދިރުވައި ދަމަހައްޓާށެވެ! ހުވަފެންތަކުގައި ކުލަޖެހެނީ ފުރަތަމަ ހުވަފެނެއް ފެނިގެން ނުވަތަ ދެކިގެންނެވެ. ތަސްވީރެއްގައި ކުލަޖެއްސެނީ ފުރަތަމަ އެ ތަސްވީރެއް ކުރަހާގެންނެވެ.

6 – އަހަރެމެންގެ ކުރިއެރުމަށް ހުރަސްއަޅާ ނިކަމެތިކުރަން އުޅޭ މީހުން އަހަރެމެން ދޫކޮށްލަންޖެހެއެވެ. އެހެން މީހުންނަށް ތިބާގެ ހަޔާތުގެ ހުންގާނު ހިފަން ފުރުސަތު ދިނުމަކީ ރަނގަޅު ވިސްނުމެއް ނޫނެވެ. ތިބާގެ ހަޔާތުގެ ކާމިޔާބީތަކުގެ ވާހަކަ އަޑުއިވުމުން ހަސަދަވެރިވާ، މިތުރުންގެ މޫނުމަތިއަޅައިގެން ތިބާގެ ވަށައިގެން އެނބުރޭ ހަތުރުންނާ ތިބާ ދުރުހެލިވާށެވެ.

7 – އެންމެން ހިތްހަމަޖައްސަން މަސައްކަތް ކުރުމަކީ ތިމާ ފެއިލްވާނެ ކަމެކެވެ. ތިމާގެ އަމިއްލަ ނަފްސާއި ޤާބިލުކަން ހުދު ތިމާ އަމިއްލައަށް ގަބޫލުކޮށް، ކަންކަމުގައި ތިމާގެ ވިސްނުމުގައިވެސް ދައުރެއް އޮތްކަން ޤަބޫލުކުރުމުން ކުރިއަށް ދިއުމަށް ފަސޭހަވާނެއެވެ. ދިރިއުޅުމުގެ ހަނގުރާމާގައި ކާމިޔާބު ހޯދުމަށްޓަކައި ތިބާގެ ކިބައިގައިވާ އަސާސްތައް ހިފަހައްޓާށެވެ.

އަދި ތިމާގެ އަމިއްލަ ނަފުސު ތިމާ ބަލައިގަންނާށެވެ. އަމިއްލަ ނަފުސު ބަލައިގަތުމަކީ މުހިއްމުކަމެކެވެ. އަމިއްލަ ނަފުސުދެކެ ލޯބި ނުވާނަމަ އެހެން މީހުންދެކެ ލޯތްބެއް ނުވެވޭނެއެވެ. އަމިއްލަ ކުރިއެރުމަށް ފޯކަސް ކުރުމަށްޓަކައި، އަމިއްލަ ނަފުސަށް ހިތްވަރު ދޭން ދަސްކުރާށެވެ. އަމިއްލަ ކުރިއެރުމުގައި ޒިންމާ ނަގަންޖެހޭނީ ތިމާކަން ދަސްކޮށްގެން ނޫނީ މީހެއްގެ ހައިސިއްޔަތު ދުވަހަކުވެސް ތިމާ ފުރާފުރިހަމައެއް ނުވާނެއެވެ.

އަނެއްކައިވެސް ބުނަން އޮތީ، ދިރިއުޅުމުގައި ކާމިޔާބު ބިނާވަނީ ޝައުޤުވެރިކަމުގެ މައްޗަށެވެ. ޝައުޤުވެރިކަން ބިނާވަނީ ތިމާ ޤަބޫލުކުރާ ޤަބޫލުކުރުމުގެ މައްޗަށެވެ. ޤަބޫލުކުރުން ވަރުގަދަވި ވަރަކަށް ލިބޭނީ ހިތްވަރެވެ. ނޫޙުގެފާނު ނާކޮޅު ބަންނަން ފެއްޓެވިއިރު އަދި ވާރޭ ވެހެން ނުފަށައެވެ. ނާކޮޅު ބަނެ ނިންމާލެވުނީ، މަލާމާތާ ފުރައްސާރައަށް ބެލުމެއްނެތި ކުރި މަސައްކަތުންނެވެ. އެ މަސައްކަތް ބިނާވީ، ތިމާގެ ޤަބޫލުކުރުމުގެ މައްޗަށެވެ.

އެ ޤަބޫލުކުރުމުން ވަރުގަދަވީ އަމިއްލަ ނަފުސަށް އޮތް އިތުބާރެވެ. އެ އިތުބާރުން އުފަންވީ ހިތްވަރާ އަޒުމެވެ. އެ ހިތްވަރާ އަޒުމުން އެކަންކާމިޔާބުކުރުމުގެ ޝައުޤުވެރިކަން އުފެދުނެވެ. އެ ޝައުޤުވެރިކަން ތިމާ ކާމިޔާބީއާ ހަމައަށް ގެންގޮސްދިނީއެވެ.