ފެން ކުންފުނި، އެމްޑަބްލިއުއެސްސީން އއ. ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އިފުތިތާހުކޮށްފިއެވެ.

އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އިފުތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އެމްޑަބްލިއުއެސްސީގެ ބޯޑު މެންބަރު އިބްރާހިމް އަންވަރާއި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަދި ހިމަންދޫ ކައުންސިލުގެ ރައީސް ހުޝާމް އިސްމާއީލެވެ.

Ad
rt

މި މަޝްރޫއަށް ބޭނުންވާ ސާމާނު ހިމަންދޫއަށް ފޮނުވާފައިވާއިރު މިހާރު ކުރަނީ ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅިވަޅުލުމުގެ މަސައްކަތެވެ. އަދި ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 45 އިންސައްތަ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ޒިމާގުގެ ދަށުން އެ ރަށުގައި 35 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމުކޮށް، އާރުއޯ ފެސިލިޓީ ބިލްޑިންއެއް އިމާރާތްކުރާނެއެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށްޓަކައި ތން ތާންގީ ބަހައްޓައި، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނެއެވެ.

އެ ރަށުގއ ނަރުދަމާ ނިޒާމުގެ ދަށުން 31 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ގާއިމުކޮށް 956 މީޓަރުގެ ޕަންޕިން ލައިނެއް އަޅާނެއެވެ. އަދި ތިން ޕަންޕިން ސްޓޭޝަން ގާއިމުކޮށް، ސީ އައުޓްފޯލް އެއް ގާއިމްކޮށް ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދޭނެއެވެ.

މީގެ އިތުރުން އެ ރަށުގެ ފެނާއި ނަރުދަމަ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވަ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.

މިއީ 65.83 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.