ރާއްޖެ އަށް "ހަލާލު ޓޫރިޒަމް" ތައާރަފްކުރުމަށްޓަކައި ހަދަންޖެހޭ ގާނޫނުތައް ހަދައި އަންނަ އަހަރުގެ ތެރޭގައި ހަލާލް ޓޫރިޒަަށް ހާއްސަކޮށް ރިސޯޓް ތަރައްގީކުރުމަށް ރަށް ދޫކުރަން ނިންމާފައިވާކަމަށް ސަރުކާރުން މިދިޔަ ހަފްތާގައި އާއްމުކޮށްފައިވާ ފަސް އަހަރުގެ އެކްޝަން ޕްލޭންގައި ހިމަނައިފިއެވެ.

ފަސް އަހަރުގެ އެކްޝަން ޕްލޭންގައިވާ ގޮތުން، ހަލާލް ޓޫރިޒަމް ރާއްޖެ އަށް ތައާރަފް ކުރުމުގެ ގޮތުން، އެކަމާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތައް އަންނަ އަހަރުގެ ތެރޭގައި އެކުލަވާލާނެ ކަމަށާއި އެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ އެޓާނީ ޖެނެރަލްގެ އޮފީހާއި އިސްލާމިކް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީ ގުޅިގެންކަމަށް އެޕްލޭގައި ބުނެފައިވެއެވެ.

Ad
rt

ހަލާލް ޓޫރިޒަމަށް ހާއްސަ ރިސޯޓުތައް ރާއްޖޭގައި ތަރައްގީކުރުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ހާއްސަކޮށް އަންނަ އަހަރުގެ ތެރޭގައި ހަރަކާތްތަކެއް ހިންގުމަށް ވެސް އެކްޝަން ޕްލޭންގައި ހިމަނާފައިވާއިރު މި ހަރަކާތްތަކާ އެކު، އަންނަ އަހަރުގެ ތެރޭގައި ހަލާލް ޓޫރިޒަމަށް ހާއްސަކޮށް ތަރައްގީކުރުމަށް ވަކި ރަށްތަކެއް ދޫކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

އެކްޝަން ޕްލޭންގައި ހިމެނޭ އަނެއް ބަޔަކީ ހަލާލް ޓޫރިޒަމް ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމެވެ. އެގޮތުން، ބޭންކުތަކާ ގުޅިގެން ޝަރީއާއާ އެއްގޮތް ފައިނޭންސިން ސްކީމްތަކެއް 2021 ގައި ތައާރަފްކުުރުމަށް އެކްޝަން ޕްލޭންގައި ހިމަނާފައިވެ އެވެ.

މިހާރު ށ. ގާކޮށިބީގައި ތަރައްގީކޮށްފައިވާ ރިސޯޓަކީ އޭޑީކޭ އެންޓަޕްރައިޒަސް އިން 2009 ވަނަ އަހަރުގެ ތެރޭގައި ހަލާލް ޓޫރިޒަމަށް ހާއްސަ ރަށެއްގެ ގޮތުގައި މަސައްކަތް ފެށި ރަށެކެވެ.

ތަރައްގީކުރުމަށް ތުރުކީގެ ކުންފުންޏަކާ ގުޅިގެން ފެށި އެ މަޝްރޫއު ހުއްޓި، އެ ރަށް އޭޑީކޭ އިން ވަނީ ސިންގަޕޫރުގެ ކުންފުންޏަކަށް ވިއްކާލާފަ އެވެ. މިހާރު އެރަށް ހިންގަމުން ދަނީ ދުނިޔޭގެ މަޝްހޫރު ފެއާމޮންޓް ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑުގެ ދަށުން ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި ރިސޯޓުގެ ނަމުގައެވެ.