ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސިސްޓަމްތަކަށް ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށާއި ޚިދުމަތަށް ބުރޫއަރައި، ދިމާވަމުންދާ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދޭކަމަށް ރައްޔިތުންގެ ބޭންކުން ބުނެފި އެވެ.
ރައްޔިތުންގެ ބޭންކުން މިހެން ބުނެފައިވަނީ ޚިދުމަތްތައް ދޭތެރެ ދޭތެރެއިން މެދުކެނޑި ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވުމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެނޫސް ބަޔާނުގައި ބުނެފައިވަނީ ބީއެމްއެލް ގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމް ތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ބޮޑު އަޕްގްރޭޑިން މަސައްކަތެއް ކުރި ފަހުން, ހިދުމަތް މެދުކެނޑޭ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ކޯ ބޭންކިން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ބޮޑު މަސައްކަތް ނިންމާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު, އެއީ ވަރަށް ބޮޑު އަދި އެހާމެ އުނދަގޫ މަސައްކަތެއް"
ރައްޔިތުންގެ ބޭންކުން ބުނެފައިވެއެވެ.
މިކަމުގެ ސަބަބުން ހިދުމަތްތައް މެދުކެނޑިގެން ދިޔުމަކީ ދުނިޔޭގެ ކޮންމެ ބޭންކަކަށްވެސް ކުރިމަތިވެދާނެކަމެއްކަމަށާއި ބޭންކަށް އަންދާސާކުރެވުނީ މި އަޕްގްރޭޑްގެ ސަބަބުން ސިސްޓަމްތައް މެދުކެނޑިގެންދާނީ ކުޑަ މިންވަރަކަށް ކަމުގައިވީނަމަވެސް ސިސްޓަމަށް ދިމާވެދާނެ ކަމަކަށް ތައްޔާރުވެ ބޭންކުންވަނީ ކުރިޔާލާ ކަސްޓަމަރުންނަށް މިކަންއަންގާފަކަމަށް ބޭންކްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އަޕްގްރޭޑްގެ މަސައްކަތަށްފަހު ދޭތެރެދޭތެރެއިން ސިސްޓަމްތައް މެދުކެނޑުމުގެ މައްސަލަ ދިމާވަމުންދާކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އެހެންކަމުން މި މައްސަލަ ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.
ހިދުމަތަށް ބުރޫއަރާ ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތަކަށްޓަަކައި ނިހާޔަތަށް މަޢާފަށްއެދެމެވެ. އަދި މި ދަނޑިވަޅުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!