ރައްޔިތުންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމެންޓް ގޭޓްވޭ "އޮޅުން ބޮޅުން" ވެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޝަކުވާ އިންތިހާއަށް ބޮޑުވެއްޖެ އެވެ.
މޯލްޑިވިއަން މޯބައިލް އެޕް އަދި ވެބްސައިޓް މެދުވެރިކޮން އޮންލައިންކޮށް ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް، ޓިކެޓް ގަންނައިރު އެކައުންޓުން ފައިސާ ކެނޑި ޓިކެޓް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައިވާތީ އެކުންފުނިންވެސް ވަނީ ކަސްޓަމަރުންގެ ސަމާލުކަމަށް މިކަން ގެނެސްފަ އެވެ.
މޯލްޑިވިއަންއިން މިއަދު ކުރި ޓުވީޓޭއްގައި ބުނެފައިވަނީ، އޮންލައިންކޮށް ޓިކެޓް ބައްލަވައިގަންނަވާ ބޭފުޅުންނަށް ބޭންކުގެ މުޢާމަލާތާއި ހަމައިން ދަތިތަކެއް އުޅޭތީ އެކައުންޓުން ފައިސާ ކެނޑުނު ކަމުގައި ވީނަމަވެސް ޓިކެޓް ނުލިބޭ ކަމުގެ ޝަކުވާ ދަނީ ލިބެމުންކަމަށެވެ.
"އެހެން ނަމަވެސް މޯލްޑިވިއަންގެ މޯބައިލް އެޕް އަދި ވެބްސައިޓްގައި އެއްވެސް މައްސަލަ ނޫޅޭކަމުގެ ޔަޤީންކަން ކަސްޓަމަރުންނަށް އަރުވަމެވެ. މިކަމުގައި ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ."
މޯލްޑިވިއަންގެ ޓުވީޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުންވެސް ދިރާގުގެ އެކި ޚިދުމަތްތައް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮން ހޯދަމުން އަންނަ ފަރާތްތަކަށްވެސް އެކައުންޓުން ފައިސާކެނޑި ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ފުނި ޖެހިފަ އެވެ.
ބީއެމްއެލްގެ ޚިދުމަތްތައް ގޯހުން ގޯހަށްގޮސް އެބޭންކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ޝަކުވާ ފުނިޖެހުމާއި އެކު އެބޭންކުން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ. އެނޫސް ބަޔާނުގައި ބުނެފައިވަނީ ބީއެމްއެލް ގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމް ތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ބޮޑު އަޕްގްރޭޑިން މަސައްކަތެއް ކުރި ފަހުން, ހިދުމަތް މެދުކެނޑޭ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ކޯ ބޭންކިން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ބޮޑު މަސައްކަތް ނިންމާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށާއި, އެއީ ވަރަށް ބޮޑު އަދި އެހާމެ އުނދަގޫ މަސައްކަތެއް، ހިދުމަތަށް ބުރޫއަރައި، ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެން"
ބީއެމްއެލްއިން ބުނެފައިވެއެވެ.
ދޭތެރެ ދޭތެރެއިން ޚިދުމަތްތަކަށް ބުރޫ އަރާއިރު ބަޔެއް ފަހަރަށް އެކައުންޓު ބެލެންސް ދައްކަނީ ސުމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!