ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް “ދަރަނި ކާޑު” (ކްރެޑިޓް ކާޑު) ހައްދާ މީހުންނަށް ހަދިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ދިވެހިންގެ ބޭންކުން މިއަދު ފެށި މި ޕްރޮމޯޝަނުގެ ދަށުން ކާޑު ހައްދަން ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އަހަރީ ފީ ވެސް ދައްކަން ނުޖެހޭނެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ފުރަތަމަ “ދަރަނި ކާޑު” ހައްދާ 500 މީހުންގެ ތެރެއިން ކޮންމެ މީހަކު ހަރަދު ކުރާ 2،500ރ. އަނބުރާ ފައިސާވެސް ލިބޭނެއެވެ.
މީގެ އިތުރުން ކޮންމެ ހަފުތާ އަކު ހޮވޭ މީހަކަށް 5،000ރ. ގެ ބީއެމްއެލް ގިފްޓް ކާޑެއް ދޭއިރު މުޅި ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ހޮވޭ މީހަކަށް 100،000ރ. އާ ހަމައަށް ކާޑަށް ދައްކަން ޖެހޭ ފައިސާ އުނިކޮށްދޭނެއެވެ.
ނިމުނު ކުއާޓާގައި ބޭންކަށް ވަނީ ހިންގުމުގެ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އެވްރެޖުކޮށް ލިބެ ވަރަށްވުރެ ބޮޑު ފައިދާއެކެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 10އާ ހަމައަށެވެ. އަންނަ އަހަރަކީ ބީއެމްއެލްއަށް 40 އަހަރު ފުރޭ އަހަރެވެ. އެހެންވެ، އެކަން ފާހަގަ ކުރަން މުޅި އަހަރަށް ބަހަލައިގެން ހަރަކާތްތަކެއް ކުރިއަށްގެންދާނެ އެވެ.
މިއީ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން، އެހީތެރިވުމާއި އަގުވަޒަން ކުރުމުގެ ގޮތުން ކުރިއަށްގެންދާނެ ހަރަކާތްތައް ކަމަށް ބޭންކުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!