މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޕާލިމަންޓްރީ ގުރޫޕުގެ އިސް ދެ މަގާމަށާއި، އެ ޕާޓީގެ އިދާރީ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކޮށްފިއެވެ.

އެމްއެންޕީ އިއްޔެ ވަނީ 3 މެންބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ހިމަނާފައެވެ. އެހެން ކަމުން އެ ޕާޓީގެ ޕީޖީ ގްރޫޕްގައި ތިއްބަވާ 3 މެންބަރުންނަކީ ޕާޓީގެ ރައީސް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.

Ad
rt

މިގޮތުން އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރަކަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ރޭ އައްޔަނުކޮށްފައިވާއިރު، ޕާލިމަންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރަކަށް އައްޔަނުކޮށްފަ ވަނީ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.

ރިޔާޟް ވަނީ މަޖިލިސްގެ ނިމުނު ދައުރުގެ ފަހުކޮޅު، އޭރުއޮތް ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރުކަމާއި، ޖުމްހޫރީ ޕާޓީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރުކަން ވެސް ކުރައްވާފަ އެވެ.

މީގެއިތުރުން އެ ޕާޓީން ވަނީ، އެ ޕާޓީގެ އިސް އިދާރީ މަގާމްތަކަށް ވެސް މެންބަރުން އައްޔަނުކޮށްފައެވެ. މިގޮތުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކޮށްފައިވަނީ ރާބިހު މުހައްމަދެވެ. ރާބިހަކީ ކުރީގެ ސަރުކާރުގައި އެމްޕީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުމަގާމް ފުރުއްވި އަދި ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމްވެސް ފުރުއްވި ބޭފުޅެކެވެ. ރާބިހް ވަނީ އިންތިޚާބުތަކުގައި ޕީޕީއެމްގައި ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ.

އެންއެންޕީގެ ޓްރެޒަރާއަކީ އަބްދުއްރަޝީދު ހަސަނެވެ. ރަޖިސްޓްރާއަކީ މުހައްމަދު ޝިހާބެވެ. އަދި ޑެޕިއުޓީ ރަޖިސްޓްރާއަކީ މުހައްމަދު ހާނިމެވެ.
އެ ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަން ކޮށްފައި ވަނީ ވަގުތީ ގޮތުން އެ މަގާމު ފުރުއްވި އަސްރާ އަހުމަދާއި އަހްމަދު އަނޫޝް އެވެ.

އެ ޕާޓީންް ބުނީ ސެކްރެޓޭރިއެޓްގެ މަގާމުތަކަށް މެންބަރުން އައްޔަން ކޮށްފައި ޕާޓީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ޕާޓީގެ އެގްޒެކްޓިވް ކައުންސިލުގެ ރުހުމާއެކު ޕާޓީގެ ރައީސް ކަމަށެވެ.

އެމްއެންޕީ ރަޖިސްޓަރީކުރުމަށް 5000 އަށްވުރެ ގިނަ ފޯމާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ޕާޓީ ރަޖިސްޓަރީކޮށްދީފައި އޮކްޓޯބަރު 26 ވަނަ ދުވަހުއެވެ.