100 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކެއް މިހާރު ވަނީ ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފައިކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ މަޖިލިސް ޖަލްސާގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ދޫވަމުން ދާކަމަށް ބުނެ އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ، މަސްތުވާ ތަކެތީގެ މައްސަލައަކީ ރާއްޖޭގައި ޒަމާންތަކެއް ވަންދެން ދެމިގެން ގޮސްފައިވާ އޭގެ ސަބަބުން ނޭދެވޭ އެތައް އަސަރެއްކުރަމުންދާ އަދި ބޮޑެތި އިޖުތިމާއީ މައްސަލަތައް އުފެދެމުންދާ ސީރިއަސް މައްސަލައެއް ކަމަށެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަަސްތުވާތަކެތި އެތެރެކުރާ މިންވަރު ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެގެން ދިޔުމާއެކީގައި އަދި މިކަމަށް ފުލުހުންނާއި، ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކުން މަސައްކަތްކޮށް ބޮޑެތި އަދަދުތަކުން ހިފެހެއްޓެމުން ދިޔަނަމަވެސް މިކަންކަމާ ގުޅޭ ފަރާތްތަކާ އެކަށީގެންވާ ފިޔަވަޅު އެޅޭތަން ފެންނަމުން ނުދާތީ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ ކުރިން ވެސް މަސްތުވާތަކެތި އެތެރެކުރޭ، ނަމަވެސް މިހާރު މިއަދަދު 200 ކިލޯއަށް ވުރެ މައްޗަށް އަރައިގެން މިދިޔައީ އެންމެފަހުން އަޅުގަނޑުމެންނަށް މައުލޫމާތު މި ލިބުނީ 215 ކިލޯގެ މަސްތުވާ ތަކެތި އެތެރެ ކުރިކަމަށް، މިހާވަރަށް މިތަކެތި އެތެރެވާންފެށީމަ އަޅުގަނޑުހިތުން އެންމެންވެސް ކަންބޮޑުވާންޖެހޭ ހިސާބަށް މިކަން ހިނގަންޖެކަން އެންމެންވެސް ގަބޫލުކުރޭ" އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާގެ ޢާއިލާ މީހެއް ކަމަށް ވިޔަސް، އަދި އޭނާގެ މަންމައާއި ބައްޕަ ކަމަށް ވިޔަސް ނުވަތަ އެހެން މީހެއްގެ މަންމައާއި ބައްޕަކަމަށް ވިޔަސް، ކޮންމެ މީހަކު ކުރިކަމުގައި ވިޔަސް މަސްތުވާތެކެތި އެތެރެކޮށް، ބޭނުންކޮށް، ވިޔަފާރިކުރުމަކީ ސީރިއަސް މައްސަލައެއްކަމަށާއި، އެންމެންވެސް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެންމެފަހުން 100 ކިލޯގެ މަސްތުވާތެކި އެތެރެކުރެވޭކަމަށް ތުހުމަތުކުރެވޭ ފަރާތްތައް މިހާރު ވަނީ ފުރައިގެން ގޮސްފައި، އަދި އެފަރާތްތައް ރާއްޖެއިން ފުރައިގެން ދިޔައިރު މިކަމާގުޅިގެންނެއް ފިޔަވަޅެއްއެޅި އެމީހުން ހުއްޓުވޭނެ ގޮތެއް ހެދިފައެއް ނެތް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާންމު ބައެއް ކަންތައްތަކުގައި އިމިގްރޭޝަނަށް ގުޅުމުން ވަރަށް ޒިންމާދާރު ކަމާއެކީ މަސައްކަތްކުރާތަން ފެނިފަވާ ކަމަށް ވިދާޅުވެ، މިކަންކަމާގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި އިމިގްރޭޝަނާއި ހަމައަށް އިޝާރާތްކޮށްފިނަމަ އިމިގްރޭޝަނުން އެމައްސަލަ ހުއްޓުވުމަށް މަސައްކަތްކުރާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެހެންނަމަވެސް ރައީސް އޮފީހުގެ ތެރޭގައި ވެސް މިކަމާ ގުޅުންހުރި ފަރާތްތައް އެބަތިއްބެވި، ވަކީލުންވެސް، ކޯޓުތެރޭންވެސް މިހުރިހާ ދިމާއަކުން ގުޅިގެން މިކަން ހިގަމުންދާއިރު ޕީޖީއޮފީހުން ވެސް މިކަންކަމާގުޅޭގޮތުން ފިޔަވަޅެއް އެޅޭތަނެއް ނުފެންނާތީ މިކަންކުރެވޭ މުޅި މަންޒަރަށް ބަލާއިރުފެންނަނީ ސްޓޭޓް ސްޕޮންސާ ވިޔަފާރިއެއްގެ ގޮތުގައި މިކަން ހިނގަމުންދާތަން، ވިސްނާ، ހުއްޓުވަން ސަމާލުކަން ދޭންޖެހޭ" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މި ކުއްލި މައްސަލަ ބަލައިގަންނަން 23 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ހަަތަރު މެމްބަރަކު ވޯޓު ދެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!