ހއ އަތޮޅުން އދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ 18:30 އިން ފެށިގެން 22:30 އާއި ހަމައަށެވެ.
މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި މިވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ.
Alert yellow for strong winds extended, and alert white for strong winds now in effect. pic.twitter.com/2g15IpAcxO
— Maldives Meteorology (@MetMaldives) October 14, 2021
ހަފްތާ ބަނދުގައި އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު ހުކުރު ދުވަހު ވައިގަދަ ވާނެ އެވެ. ހޮނިހިރު ދުވަހު ގަދަ ވަޔާއެކު ވިއްސާރަކުރާނެ އެވެ. ދެކުނުގެ އަތޮޅުތަކަށް ކުރިއަށް އޮތް ދެދުވަހުވެސް ގަދަ ވަޔާއެކު ވިއްސާރަކުރާނެ އެވެ.
"ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވައިގަދަވާނޭ ކަމަށް މެޓް އޮފީހުން ލަފާކުރައްވާ. އެހެންކަމުން ގަދަވައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުމަކުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އަޅުއްވާ!"
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
— NDMA Maldives (@NDMAmv) October 14, 2021
މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:
ވައިޓް އެލާޓް:
މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
ޔެލޯ އެލާޓް:
މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.
ރެޑް އެލާޓް:
މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.
ގްރީން އެލާޓް:
މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!