މެންބަރުންގެ ސީދާ ވޯޓުން ހޮވާފައި ހުންނަ މީހަކު، ޕާޓީގެ ނުފޫޒު ގަދަ މީހެއްގެ ބާރުން، ސްލޫކް ކޮމެޓީ މެދުވެރިކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ވަކި ނުކެރެވޭނެ ކަމަށް އެ ޕާޓީގެ އިންތިޤާލީ އެއް ނައިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

އެމްއެންޕީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވާ ރިޔާޟް މިހެން ވިދާޅުވީ، އެ ޕާޓީ އުފެއްދުމަށް ބޭއްވި ބައްދަލުވުން ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރިޔާޟް ވިދާޅުވީ، މީގެކުރިން އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އެމްއެންޕީ ބައްޓަންކޮށްފައި ވަނީ ޕާޓީގެ ރައީސަކަށް ހުންނަ މީހަކަށް އެ މަގާމުގައި ގިނަވެގެން 5 އަހަރުގެ 2 ދައުރަށްވުރެ ގިނަ ދުވަހު ނުހުރެވޭގޮތަށް ކަމަށެވެ.

އެ ޕާޓީގެ ނައިބު ރައީސުންނަކީ ރާއްޖޭގެ ސަރަހައްދުތަކުގެ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބު ކުރެވޭ މީހުން ކަަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"މެންބަރުންގެ ސީދާ ވޯޓުން ހޮވާފައި ހުންނަ މީހަކު ޕާޓީގެ ނުފޫޒުގަދަ ފަރާތެއް ބޭނުންވެގެން ސްލޫކީ ކޮމެޓީ މެދުވެރިކޮށް މި ޕާޓީގެ އެއްވެސް އިންތިޚާބުވެފައިވާ މެންބަރެއް ވަތްކެތް ނުކުރެވޭނެ" ރިޔާޟް ވިދާޅުވިއެވެ.

އެމްއެންޕީގެ އަސާސީ ޤަވާޢިދުގައި އެގޮތަށް ހިމަނާފައިވާއިރު، އެހެން ބައެއް ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ސްލޫކް ކޮމެޓީ މެދުވެރިކޮށް ޕާޓީގެ މެންބަރުކަން ގެއްލުވާލި ހާލަތްތައް ވަނީ ތަޖުރިބާ ކުރަންޖެހިފައިކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އެމްޑީޕީން ރީކޯ މޫސާ މަނިކު ވަކިކޮށްފައި ވަނީ ސްލޫކް ކޮމެޓީން މައްސަލަ ބެލުމަށްފަހުއެވެ. އަދި އެ ޕާޓީން ފުރަހަނި ޝުއައިބު ވަކިކޮށްފައި ވަނީ ވެސް ސްލޫކް ކޮމެޓީން މައްސަލަ ބެލުމަށްފަހުއެވެ.

މީގެއިތުރުން ކުރީގެ ސަރުކާރުން އެ ސަރުކާރު ހިންގި ޕީޕީއެމްއަށް މަޖިލީހުގައި އޮތް ސުޕާ މެޖޯރިޓީ ގެއްލުމުން އެންޓި ޑިފެކްޝަން ޤާނޫނެއް ފާސްކޮށް، ޕާޓީން ވަކިކުރާ މެންބަރުންގެ މެންބަރުކަން ގެއްލޭ ގޮތައް ހަދައި، ޕީޕީއެމްގެ ސްލޫކް ކޮމެޓީން ފިޔަވަޅު އަޅައި، އެ ޕާޓީން މަޖިލިސް މެންބަރުންތަކެއް ވެސް ވަކި ކުރިއެވެ. އެ މެންބަރުންނަކީ އޭރުގެ އިދިކޮޅާ ބައިއަތު ހިފި މެންބަރުންނެވެ. އެ ނިންމުމުގެ ސަބަބުން އޭގެ ތެރެއިން 12 މެންބަރެއްގެ ގޮނޑިވެސް ގެއްލުނެވެ.