ނ. ކުޑަފަރީ ކައުންސިލުން ދުނިޔޭގެ މޫސުމަށް އަންނަބަދަލުތަކާ ދެކޮޅަށް ތެދުވެއްޖެއެވެ.
ކުޑަފަރީ ކައުންސިލުން މިކަމުގައި އިސްނަގާފައި މިވަނީ ުނިޔެ ހޫނުވުމަށް މަގު ފަހި ކުރާ ގްރީން ހައުސް ގޭސް ޖައްވަށް ދޫ ކުރާ މިންވަރު މަދުކުރުމަށާއި ފޮސިލް ފިއުލް ބޭނުން ކުރުމާ ދެކޮޅަށް ރާއްޖެއިން ވަކާލާތު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފައިވަނިކޮށެވެ.
އެކަމާ ގުޅިގެން ކުޑަފަރީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއިން ގްރީން ހައުސް ގޭސްތައް ބޭރު ކުރާ މިންވަރު މަދުވި ނަމަވެސް، ދުނިޔެ ހޫނުވުމުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގެ ސަލާމަތަށްޓަކައި މުޅި މުޖުތަމައުގެ އެންމެން ވެގެން، ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށް އިންޓަގަވާމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ)އިން އަންގާފައިވާ ކަމަށެވެ.
.އެހެންވެ، އެ ކައުންސިލުން ކުރާ މަސައްކަތްތަކުގެ ތެރެއިން ރަށުގައި ހުރި ސަރުކާރު އިމާރާތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި މި މަސް ނިމެންވާއިރަށް އެ މަސައްކަތް ނިމޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރަށް ރަށުގެ އާންމުންނާ ގުޅިގެން މުޅި ރަށުގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ރަށު ސްކޫލާއި ގުޅިގެން ރަށުގައި ބައިސްކަލު ދުއްވުން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
ކައުންސިލުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ރަށުގައި ގަސް އިންދުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދަން ނާސަރީއެއް ހެދުމާއި ވާރޭ ފެނުގެ ބޭނުން ހިފޭނެ ނިޒާމެއް ގާއިމް ކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުން ކުޑަފަރީގައި ކަރަންޓު އުފެއްދުމަށްޓަކައި ފޮސިލް ފިއުލް ބޭނުން ކުރުން 2024ގެ ނިޔަލަށް ހުއްޓާލާ، ކަރަންޓު އުފެއްދުމަށްޓަކައި ސޯލާ ޕެނަލް ނުވަތަ އެހެނިހެން އިއާދަކުރަނިވި ހަކަތަ މުޅިންވެސް ބޭނުން ކުރުން ހިމެނެއެވެ. އަދި އެ ރަށުގެ ފަރު ރައްކާތެރި ކުރުމަށާއި މުރަކަ އިންދުމަށް ހަރަކާތްތައް ބާއްވަންވެސް ކައުންސިލުން ނިންމާފައިވެއެވެ.
ކުޑަފަރީ ކައުންސިލުން ވަނީ އެ ހުރިހާ މަސައްކަތަކަށްވެސް އެހީ ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލަށް އެކަން އަންގައި ދިނުމަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!