ހޮނިހިރު ދުވަހެކެވެ. ތާރީޚަކީ 22 އޮގަސްޓް 2021 އެވެ. ހުޅުމާލެ ފަތާ ޓްރެކް އޮންނަ ސަރަޙައްދަށް މޫދަށް އެރެން ދެވުނު އިރު ހަވީރު ހައެއް ޖަހަން އޮތީ ފަނަރަވަރަކަށް މިނިޓެވެ. ދިޔައީ އެއް ގޮތަކަށް ވެސް މޫދަށް އެރޭ ހިތަކުން ނޫނެވެ. އަޅުގަނޑުގެ ހަގު ދަރިފުޅު އީފާ ކައިރި އެ ދުވަހު މޫދަށް ގެންދާނަމޭ ބުނެވިފައި އޮތީމާ ދިޔައީއެވެ. އެ ދުވަހު ކަންތައްތައް ދިމާވިގޮތުން އެހެން ވަގުތެއް މޫދަށް އެރެން ހުސް ނުކުރެވުނީއެވެ. މޫދަށް އެރެން ދިޔައިރު ވަރަށް ގިނަ ބަޔަކު އަޅުގަނޑުމެން ދެ ބަފައިންނަށް ބަލަމުން ދިޔަކަން އެނގެއެވެ. އޮއްސެމުންދާ އިރާމެދު އެ ފަރާތްތަކުން ވެސް ކަންބޮޑުވާ ކަހަލައެވެ.
ފޯމަތިކަމުން ދިޔަވަރު އޮތީ އެއްކޮށް ހިކިފައެވެ. އަތިރިމަތީގެ ދޮން ވެލިގަނޑުގެ މަތީގައާއި ރާޅު ފެންފަށުގައި ކުޑަ ކުދިންނަށް ކުޅެ މަޖާކޮށް އުޅެއެވެ. އުމުރުން ދުވަސްވީ މީހުން އުނަގަނޑުތާ ފެނުގައި ކަސްރަތުކުރަން އުޅެއެވެ. ފަތާ ޓްރެކުގެ ނޫކުލައިގެ ބޮއިތައް ކައިރީގައާއި ބޮއިތައް މަތީގައި ދެ ޖިންސުންގެ ޒުވާނުންނާއި މެދު އުމުރުގެ މީހުންތައް އުޅޭތީ ފެނެއެވެ. މޫދަށް އެރެމުން ވަށައިގެން ނަޒަރު ހިންގާލިއިރު ލޮލުގައި އަޅައިގެން ދިވެހިން ވަރަށް މަދެއެވެ. ގިނައީ ބިދޭސީންނެވެ. އަވަށްޓެރި ފަތުރުވެރިންނެވެ. އޭގެތެރެއިން ބައެއް މީހުން އުޅޭގޮތުން އެ މީހުންނަށް މިކަހަލަ މޫދެއް ފެނިގެން މި އުޅެނީ އަލަށޭ ހީވެއެވެ. ގިނަ މީހުންގެ މޫނުމަތިން ފެންނަނީ ހާއުފާވެރިކަމާއި ހިތްހަމަޖެހުމެވެ.
އީފާއާއެކު ކުޑަ ވަގުތުކޮޅަކު ފަތާލާފައި އަޑީގައި ކަކޫ ޖެހޭތީ ތަންކޮޅެއް ބޭރަށް ޖެހިލާނަމޭ ހިތަން އެރިއެވެ. މަޑުމަޑުން ފަތާ ޓްރެކުގެ ބޮައިތަކާ ކައިރިއަށް ފަތާލީމެވެ. އެއްލި ކަޅިއެއް ކަމުގައި އަޅައިގަތީ ބޮއިތައް ކައިރިއަށް ކުޑަ އަންހެން ކުއްޖަކު ގެނބޭތަނެއެވެ. އެތަން ބަލަން އަޅުގަނޑަށްވުރެ މާ ކައިރީގައި ވެސް ފަތުރުވެރިން ތިއްބެވެ. ވެގެން އުޅޭގޮތް އެ މީހުންނަށް ނޭނގެނީއެވެ. ނޫނީ އެހެން މީހަކަށް އެހީތެރިވެދޭނެގޮތް އޮޅުފިލާގައި ނުވަނީއެވެ. އަޅުގަނޑު ތަންކޮޅެއް ބާރަށް ގޮސް އަޑިއަށް ގޮސްގޮސް އޮތް އެ ކުއްޖާގެ އަތުގައި ހިފާ ނެގީމެވެ. އެއީ އަޑިއަށް ގެނބިފައި މައްޗަށް އަރާފައި އަޑިއަށް ދިޔަ ތިންވަނަ ފަހަރެވެ. އޭރު ބޮއިތައް ކައިރީގައި ބޮޑު ފިރިހެނަކު "ހެލްޕް.... ހެލްޕް" ގޮވަން އޮތެވެ. އެ ކުއްޖާ ގޮވައިގެން ފައިޖެހޭ ހިސާބަށް އައިތަނުން އެ ފިރިހެން މީހާ ފަތާފައި އަންނަތަން ފެނެއެވެ. އެ މީހާ ފަތާ ގޮތުން ވެސް އެއީ އެހާ ރަނގަޅަށް ފަތަން ދަންނަ މީހެއް ނޫންކަން އެނގެއެވެ. އެ ކުއްޖާ އެއްގަމަށް ގެންދިއުމުން އެ ފިރިހެން މީހާ ކުއްޖާ ބޮނޑިކޮށްލައިގެން އެތައް އިރަކު ހުއްޓެވެ. އަދި އަޅުގަނޑަށް ޝުކުރު އަދާކޮށްފައި އެއީ އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅޭ ބުންޏެވެ. އަޅުގަނޑު އަނެއްކާ ވެސް ދިިޔައީ އީފާއާއެކު ފަތާއެވެ.
އީފާ ބުންޏެވެ. އެ ކުއްޖާއަށް ވީ ކީއްހެއްޔެވެ؟ އަޅުގަނޑު ބުނީމެވެ. ގެނބުނީއެވެ. އީފާ ކުރީ ސުވާލެކެވެ. ގެނބުނީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލަށް ކުއްލިއަކަށް އީފާއަށް ދޭނެ ކުރު ޖަވާބެއް ނޭނގުނެވެ. އެކަމަކު އެ ސުވާލުގެ ޖަވާބު އަޅުގަނޑަށް އެނގެއެވެ. އެއީ އެތަނުގައި ވަަރަށް ގިނައިން ހިނގާ ކަމެކެވެ. ޚާއްޞަކޮށް ދިޔަވަރު ހިކި އިރަށެވެ. އެއީ ހުޅުމާލެ ފަތާ ޓްރެކް ކައިރި އޮންނަ ގެނބޭ ސަރަޙައްދެވެ
ހިކި ދިޔައިގައި ބޭރަށް ދާއިރު ރީތިކޮށް އިސްކޮޅު ޖެހެއެވެ. އެކަމަކު ފަތާ ޓްރެކުގެ ބޮއިތަކާއި ތިލަ ހިސާބާ ދެމެދުގައި ހައެއްކަ ފޫޓުގެ ފުން ހިސާބެއް އޮވެއެވެ. އެއީ ބޮއިތައް އެޅުމަށް ކޮނެފައި އޮންނަ ފުންހިސާބުގެ ބައެކެވެ. އެ ފުން ހިސާބު ފުންވެފައި އޮންނަނީ ތިލަ ތަނުން ސީދާ ފުން ބަޔަށް ކަމަށްވާތީ އެ ދެބައި ވަކިކުރަން ނޭނގޭ މީހަކަށް ފުންތަނަށް އެރެވޭނީ ކުއްލިއަކަށެވެ. ފަތަށް ނޭނގޭ މީހަކު ކުއްލިއަކަށް އެތަނަށް ހަމަ ގެނބޭނީއެވެ. އާންމުކޮށް އެ ސަރަޙައްދަށް މޫދަށް އެރޭ މީހުންނަށް މިކަން އެނގުނަސް އަލަށް އައިސް މޫދަށް އެރިއުޅޭ ބަޔަކަށް މިކަމެއް ނޭނގޭނެއެވެ. އެހެންކަމުން ކިތަންމެ ބޮޑު ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮންނާނެއެވެ. އަޅުގަނޑު ހިތަށް އެރިއެވެ. ފުން ހސިާބު ވަކިވާގޮތަށް ބޯޑެއް ބެހެއްޓިއްޔާ ވާނީ ކިހިނެއް ބާވައެވެ؟
މިއަދަކީ އެ ހާދިސާއަށް ތިންވަނަ ދުވަހެވެ. ތަފާ ޓްރެކްގެ ތެރޭގައި އަޅުގަނޑު ފަތަން އޮއްވާ ބޮއި މަތީގައި އިށީންދެ އިން ދިވެއްސަކު ގޮވާލާފައި ބުނެފިއެވެ. އެއޮތް ބަޔަކު ގެނބެނީއެވެ.
އަޅުގަނޑަށް ބޮއިތަކުގެ ދަށުން އެ ފަރާތަށް ނިކުމެވުނުއިރު އޭނާ ބޮއިތައްމަތިން ދުވެފައި ގޮތް ފުންމާލައިގެން އެ ދެމީހުން އިސްކޮޅު ޖެހޭ ހިސާބަށް ގެންގޮސްފިއެވެ. އެއީ ބޮޑު ދެ ފިރިހެނުންނެވެ. އެތަނުން އެކަކަށް ވެސް ފަތާކަށް ނޭނގެއެވެ. އެ މީހުންނަށް ވެސް ކުއްލިއަކަށް އިސްކޮޅު ނުކާ ފުން ހިސާބަށް އެރެވުނީއެވެ. އެކަކަށް ވެސް ފަތަން ނޭނގޭތީ ދެ މީހުން ދެ މީހުން އެކަކު އަނެކަކުގެ ގައިގައި ހިފަހިފާ ތިބީއެވެ. މިއީ ވެސް ކުޑަ ވަގުތުކޮޅެއް ލަސްވި ނަމަވެސް ދެ ދެމީހުންގެ ފުރާނަ ގެއްލިދާނެ ކަހަލަ ދުވަހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!