ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ 16 ވަނަ ދުވަހު ފެށުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ނިންމައި މެމްބަރުން ޗުއްޓީއަށް ވަޑައިގަތީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

Ad
rt

މަޖިލީހުގެ ޗުއްޓީ ދުވަސްތައް ސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާއި ދިމާވާ ގޮތަށް ބަދަލު ގެނައިފަހުން، އަހަރުގެ ތެރޭގައި އަންނަ މަޖިލީހުގެ އެންމެ ކުރު ދައުރަކީ މަޖިލީހުގެ 2 ވަނަ ދައުރެވެ.

މިބަދަލާއެކު މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ ކޮންމެ އަހަރެއްގެވެސް މެއި 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ދެވަނަ ދައުރު ކުރުކޮށްފައި އޮތްނަމަވެސް އެ ދައުރުގެ މަސައްކަތް ނިންމާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީގެ ރިޕޯޓް މަޖިލީހުން ފާސް ކުރުމަށްފަހުގައެވެ. ޖުމުލަ 271 ސަފްހާގެ މައްޗަށް އެކުލެވޭ މި ރިޕޯޓް ތަޅުމުން ފާސްކޮށްފައިވަނީވެސް 7 ގަޑިއިރުގެ ބަހުސްއަކަށްފަހު 58 މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ފަހުދައުރުގެ ޖަލްސާތައް ފެށުމަށް ނިންމައި، މެމްބަރުންނަށް ވަނީ ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ތާރީހުވެސް މިހާރު އަންގާފައެވެ.

މަޖިލީހުގެ ފަހުދައުރަކީ ބިލުތަކުގެ މަސައްކަތް ކުރުމުގެ އިތުރުން ޖެހިގެން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރާ ދައުރެވެ.

މަޖިލިސް ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ތިން ވަނަ ދައުރުގެ މަސައްކަތް ނިންމާލާނީ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ. ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ނިންމާނުލެވޭނަމަ ތަޅުމުން ފާސްކޮށްގެން ދުވަސް އިތުރުކުރުމުގެ ފުރުޞަތު މަޖިލީހުގެ ގަވާއިދުގެ ތެރެއިން ލިބިދެއެވެ.