ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔައީ 1887 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއަށް އިނގިރޭސިންގެ އަތްދަށުން ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެދެމެދުގައި ވަރަށް މުހިންމު ހާދިސާތަކެއްވަނީ ހިނގާފައެވެ. ކުރުގޮތަކަށް އޭގެތެރެއިން ބައެއް މުހިންމު ކަންތައްތަކަށް ބަލާލާނަމެވެ.
16 ޑިސެމްބަރު 1887: އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިއުން
އިނގިރޭސިންގެ ބާރުގެ ދަށަށް ރާއްޖެ ދިޔަ "ހިމާޔަތުގެ" ސިޓީގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރު ހުންނެވި ރަސްގެފާނު އައްސުލްޠާން މުޙައްމަދު މުއީނުއްދީން (ދޭއް) އެވެ. އިނގިރެސިންގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި އޭރު ހުންނެވި ގަވަރުނަރު އާތާ ހެމިލްޓަން ގޯޑުން އެވެ.
24 އޭޕްރީލް 1948 : ދާޚިލީ މިނިވަންކަމުގެ އެގްރިމެންޓް
އިނގިރޭސިންނާއި ދިވެހިންނާ ދެމެދު ސިޓީއެއްގެ މައްޗަށް އޮތް އެއްބަސްވުން އެގްރިމެންޓަކަށް ބަދަލުވެގެންދިޔައީ ދާޚީލީ މިނިވަންކަން ދިވެހިންނަށް ކަށަވަރުވެ، އިނގިރޭސިންނަށް ދެމުން އައި ޖިޒީ ކަނޑާލެވިގެންނެވެ. މި އެގްރިމެންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މުޙައްމަދު އަމީނާއި އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. އިނގިރޭސިންގެ ފަރާތުން ސިލޯނަށް ފޮނުވި ފުރަތަމަ ހައި ކޮމިޝަނަރު ވޯލްޓާ ހެންކިންސަން އެވެ. މި އެގްރިމެންޓްގައި ސޮއިކުރީ ދިވެހިރާއްޖޭގައެވެ.
25 ނޮވެމްބަރު 1955: އިނގިރޭސިން ގަމަށް
ގަން ސާވޭކުރުމުގެ ނަމުގައި އިނގިރޭސިންގެ ރޯޔަލް އެއާ ފޯސްގެ 13 މީހަކު ސ. ގަމަށް ފޭބި އެވެ. މިއީ ގަމުގައި އެއާޕޯޓެއް ހަދަން އިނގިރޭސިން ބޭނުންވާކަން، 100 އަހަރަށް އެރަށް ކުއްޔަށް ދޭން އޭރުގެ ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ސޮއިކުރެއްވުމުގެ ކުރިން ވެސް އެނގޭ ކަމުގެ ހެއްކެކެވެ.
01 އޭޕްރީލް 1956: އިނގިރޭސިންނާ ދެކޮޅަށް ދުނިޔޭގެ ތާއީދު ހޯދުމުގެ މަސައްކަތް ފެށުން
އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް އައްޑު އަތޮޅުގައި ގާއިމްކުރުމާ ދެކޮޅަށް ދުނިޔޭގެ ތާއީދު ހޯދަން ދިވެހި ސަރުކާރުން މަސައްކަތް ފަށައި ދުނިޔެ ސިއްސުވާލިއެވެ. ކޮލަމްބޯގައި ނޫސް ކޮންފަރެންސެއް ބާއްވާ، ރާއްޖޭގެ ތައުލީމާ ބެހޭ ވަޒީރު އިބްރާހިމް ޝިހާބު އިންޑިއާ އަދި ސިލޯނު ސަރުކާރަށް އިނގިރޭސިންގެ އަސްކަރީ މަޝްރޫއަށް ފާޅުގައި ދެކޮޅު ހެދުމަށް ގޮވާލެއްވިއެވެ.
15 ޑިސެމްބަރު 1956: ހެޑްސް އޮފް އެގްރިމެންޓް
އިނގިރޭސިންނަށް އައްޑު އަތޮޅު ގަމާއި ހިތަދޫން ބައެއް 100 އަހަރަށް ކުށްޔަށް ދޭން އެއްބަސްވެ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު، އިނގިރޭސި ހައި ކޮމިޝަނަރު ސިސިލް ސާޔާއާ އެކު ސިލޯނުގައި ސޮއިކުރެއްވި އެވެ. މިއީ ހެޑްސް އޮފް އެގްރިމެންޓް ކަމަށް ވިޔަސް ރާއްޖޭގައި މަޝްހޫރުވީ އިނީޝަލް އެގްރިމެންޓްގެ ގޮތުގަ އެވެ. މި އެގްރިމެންޓް ރަސްމީ ވެގެން ނުދިޔައީ ކެބިނެޓުން ފާސްނުވުމުންނެވެ.
19 އޯގަސްޓް 1957: އިބްރާހިމް ނާޞިރަށް ދާޚިލީ ވަޒީރުކަން
އުމުރުން އެންމެ 31 އަހަރުފުޅުގައި އިބްރާހިމް ނާޞިރަށް ރާއްޖޭގެ ދާޚިލީ ވަޒީރުކަން ލިބިވަޑައިގަތެވެ. މިއީ ރާއްޖޭގެ ސަރަހައްދެއް އިނގިރޭސިންނަށް ކުއްޔަށް ދޭން ކެރިގެން ދެކޮޅު ހެއްދެވި ސިޔާސީ ޒުވާން ބޭފުޅެއްގެ ކޮޅަށް ސިޔާސީ ބާރުތައް ފުރޮޅިގެން އަންނަކަމުގެ ހެއްކެކެވެ.
11 ޑިސެމްބަރު 1957: ބޮޑުވަޒީރުކަމުން އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އިސްތިއުފާ ދެއްވުން
އައްޑު އަތޮޅު ގަމާއި ހިތަދޫން ބައެއް 100 އަހަރަށް އިނގިރޭސިންނަށް ދޭން ސިލޯނުގައި ވި އިނީޝަލް އެއްބަސްވުމުގެ ސަބަބުން ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިވެވަޑައިގެންނެވި އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އެންމެ ފަހުން ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި އެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވީ ރަސްގެފާނު މުހައްމަދު ފަރީދު އެކުލަވާލެއްވި ކޮމިޓީއަކުން ބެލިބެލުމަށް ފަހު އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ފެނުމުންނެވެ.
12 ޑިސެމްބަރު 1957: ނާޞިރު ބޮޑުވަޒީރު ކަމަށް އިސްކުރެއްވުން
އުމުރުން އެންމެ 31 އަހަރުގެ އިބްރާހިމް ނާޞިރު ރާއްޖޭގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތެވެ. މިއީ އައްޑޫގެ މައްސަލަ އާއި އިނގިރޭސިންނާ ދެމެދު އުފެދިފައި އޮތް ނުވަނަވަސްކަމަށް ހައްލެއް ހޯދަން ސިޔާސީ ގޮތުން ލިބުނު ކުރިއެރުމެކެވެ.
02 މާރިޗް 1958: އެގްރިމެންޓް ގަބޫލުނުކުރަން މަޖިލިހުން ފާސްކުރުން
އައްޑު އަތޮޅު ގަމާއި ހިތަދޫން ބައެއް އިނގިރޭސިންނަށް 100 އަހަރަށް ކުއްޔަށް ދޭން ސިލޯނުގައި ކުރި އިނީޝަލް އެގްރިމެންޓް ގަބޫލުނުކުރަން ރައްޔިތުންގެ މަޖިލިހުގެ އިއްތިފާގުން ފާސްކުރި އެވެ. މި ޖަލްސާ އަޑުއައްސަވަން އިނގިރޭސި ހައި ކޮމިޝަނަރު އެލެގްޒެންޑަ މޯލީ އިންނެވި އެވެ.
01 ޖެނުއަރީ 1959: ދެކުނު ތިން އަތޮޅުގެ ބަޣާވާތް
"ޔުނައިޓެޑް ސުވެޑީބު އައިލެންޑްސް"ގެ ނަމުގައި، ދެކުނުގެ ތިން އަތޮޅު، ރާއްޖޭގެ މައި ސަރުކާރުން ވަކިވެ ދައުލަތެއް އިއުލާންކުރި އެވެ. އެކަމަކު އެ ޚަބަރު ބޭރުގެ މީޑިއާ އިން ކިޔައި އަދި ސަރުކާރަށް ލިބުނީ މާޗު 13، 1959 ގަ އެވެ. މި ބަގާވާތުގައި އިސްކޮށް ހުންނެވީ ސ. ހިތަދޫ އަބްދުﷲ އަފީފެވެ.
17 އޭޕްރީލް 1959: ތިނަދޫ ސަރުކާރުގެ ދަށަށް ގެންދިއުން
ދެކުނު ތިން އަތޮޅުގެ ބަގާވާތުގައި ހިމެނޭ މައި އެއް ރަށް ކަމަށްވާ ގދ. ތިނަދޫ، ދިވެހި ސަރުކާރުގެ ދަށަށް ގެނަ އެވެ. ބޮޑުވަޒީރު އިބްރާހިމް ނާޞިރު، ދިވެހި ސިފައިންނާއި އާންމުންނާ އެކު މޯލްޑިވްސް ސްޓާގައި ވަޑައިގެން ތިނަދޫ މައްސަލަ ހައްލުކުރެއްވީ ފަސް ވަރަކަށް ދުވަހުގެ ތެރޭގަ އެވެ. ތިނަދޫގައި ދެ ވަނަ ފަހަރަށް ބަގާވަތްކުރުމުން އަނެއްކާ ބޮޑުވަޒީރު އިބްރާހިމް ނާޞިރު ވަޑައިގެން އެރަށުން މީހުން ބާލައި، ފަޅުކުރެއްވީ ޖެނުއަރީ 31، 1962 ގަ އެވެ.
14 ފެބްރުއަރީ 1960: އޯލްޕޯޓް އެގްރިމެންޓް
މި އެގްރިމެންޓްގެ ދަށުން އައްޑު އަތޮޅު ގަމާއި ހިތަދޫގެ ބައެއް އިނގިރޭސިންނަށް 30 އަހަރަށް ލިބެ އެވެ. އެކަމަކު އެ މުއްދަތު ފެށެނީ ކުރީގެ ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި އޭރު ސިލޯނުގައި ހުންނެވި އިނގިރޭސި ހައި ކޮމިޝަނަރު ސިސިލް ސާޔާ ސޮއިކުރެއްވި ހެޑްސް އޮފް އެގްރިމެންޓް އެކުލަވާލި ދުވަސް ކަމަށްވާ ޑިސެމްބަރު 15، 1956 ގަ އެވެ. އެހެންކަމުން މިއީ 100 އަހަރަށް ގަން ކުއްޔަށް ދޭން އުޅުމުން ރާއްޖޭގައި އުފެދުނު މައްސަލަތަކުން ދެ ޤައުމށް ވެސް ލިބުނު ކޮންމެވެސް ވަރެއްގެ ފިނިކަމެކެވެ.
08 އޮކްޓޯބަރު 1960 : އިނގިރޭސި ސަފީރަކު މާލޭގައި
ރާއްޖޭގައި އިނގިރޭސިންގެ މަންދޫބަކު ބަހައްޓަން ނިންމުމާ ގުޅިގެން އާތިންޓަން ޑޭވީ މާލެ ވަޑައިގަތެވެ. އެކަމަކު ފަހުން އޭނާ ހުންނަވާ ރަސްމީ ތަނަކަށް ވީ ދޫނިދު އެވެ. ރާއްޖެ މިނިވަންކަމަށް ކުރި ދަތުރުގައި ދިވެހިންގެ ފަރާތުން އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވީ ޑޭވީ އަށެވެ. އޭނާއާ ދެކޮޅަށް އަންހެންވެރިން ކަނޑުމަތީގައި ވެސް މުޒާހަރާކުރި އެވެ.
16 ނޮވެމްބަރު 1962: އަންހެނުންގެ މުޒާހަރާ
އިނގިރޭސިން ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށްވަދެ، ޚާއްޞަކޮށް އައްޑޫ މައްސަލައިގައި އިނގިރޭސިން ގެންގުޅޭ ސިޔާސަތާ ދެކޮޅަށް މާލޭގައި ދިރިއުޅޭ ދިވެހި އަންހެނުން ވަރުގަދަ މުޒާހަރާއެއް ކުރިއެވެ. މި މުޒާހަރާ އަންހެންވެރިން ކުރީ އިނގިރޭސި ސަފީރު ހުންނަވާ ދޫނިދޫ ކައިރިއަށް ދޯނިފަހަރުގައި ގޮސްގެންނެވެ.
01 އޯގަސްޓް 1962: ވޯރާ ވިޔަފާރިވެރިން ފޮނުވާލުން
މާލޭގައި ވޯރާ ވިޔަފާރިވެރިން ވިޔަފާރިކުރަން 1857 ގައި ދީފައި އޮތް ހުއްދަ ބާތިލްކޮށް، އެ މީހުން ވިޔަފާރިކުރުން ރަސްމީކޮށް މަނާކުރި އެވެ. މިއީ ރާއްޖެ ސިޔާސީ ގޮތުން މިނިވަންވުމުގެ ކުރިން އިގުތިސާދީ ގޮތުން މިނިވަންކަން ހޯދަން ބޮޑުވަޒީރު އިބްރާހިމް ނާޞިރު އެޅުއްވި ފިޔަވަޅެއް ކަމަށް ތާރީހުން ހެކި ދެ އެވެ.
17 ސެޕްޓެމްބަރު 1963 : އިނގިރޭސި ވަޒީރަކު މާލެ ވަޑައިގަތުން
އައްޑޫ މައްސަލާގައި ވާހަކަ ދައްކަވަން އިނގިރޭސި ކޮމަންވެލްތާ ބެހޭ ވަޒީރު ޑަންކަން ސެންޑައިސް މާލެ ވަޑައިގެން، ބޮޑުވަޒީރު އިބްރާހިމް ނާސިރާ ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމުގައި އައްޑޫ މައްސަލަ ހައްލުކުރުމަކީ އިނގިރޭސިންގެ އެންމެ ބޮޑު މަގުސަދުކަމަށް ވިދާޅުވެ، ގޮތްތަކެއް ކަނޑައެޅުއްވި އެވެ.
30 ސެޕްޓެމްބަރު 1963 : އަފީފު ސީޝެލްސް އަށް ގެންދިއުން
އައްޑޫ ބަގާވާތުގެ ބޮޑަކަށް ހުންނެވި އަބްދުﷲ އަފީފު، އިނގިރޭސިންގެ ހިމާޔަތުގައި ސީޝެލްސަށް އާއިލާ އެކު ވަޑައިގެންނެވި އެވެ. މިއީ އައްޑޫ ބަގާވަތް ނިމި، ދިވެހި ސަރުކާރުގެ ދަށަށް އައްޑު އަތޮޅު ދިއުމެވެ. އަފީފަށް ރައީސް ނާޞިރު ވަނީ ޑިސެމްބަރު 3، 1974 ގައި މައާފު ދެއްވައިފަ އެވެ.
01 މެއި 1964 : ހުޅުލޭގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފެށުން
އިނގިރޭސިން ހުޅުލޭގައި 1960 ވަނަ އަހަރު ދަގަނޑު ފިލާ އަޅައިގެން ހެދި ރަންވޭއެއް ހެދިއެވެ. މި ރަންވޭގައި ސްރީލަންކާ އިން ރާއްޖެ އަށް ދަތުރުކުރި ވަފުދެއް އައި މަތިންދާބޯޓެއް ޖެއްސުމަށް އިނގިރޭސިން ދެކޮޅު ހެދިއެވެ. އެކަމާގުޅިގެން ދިވެހި ސަރުކާރާއި އިނގިރޭސިންނާ ދެމެދުވީ ދެބަސްވުންތަކަށްފަހު އެ ރަންވޭގެ ދަގަނޑު ފިލާތައް ގެއްލެންފެށިއެވެ. އިނގިރޭސިން އެކަމާ ޝަކުވާކުރިޔަސް އެކަން ހުއްޓޭ ގޮތެއް ނުވިއެވެ. އެ ދުވަސްވަރު ހުޅުލޭގައި ދިވެހިންގެ އެއާޕޯޓެއް ހަދަން ނިންމިކަން ސަރުކާރުން އިއުލާންކުރެއްވިއެވެ. ހުޅުލޭ އެއާޕޯޓަކީ ޤައުމީ ރޫޙުގައި ދިވެހިންގެ އަތުން، ދިވެހިން ދާ އޮހޮރުވައިގެން، ގަދަ އަވީގައި ވަރުބަލިވުމެއް ނެތި ކުރި މަސައްކަތުގެ ނަތީޖާ އެވެ.
12 އޯގަސްޓް 1964 : މިނިވަންކަމުގެ އެގްރިމެންޓްގެ މަޝްވަރާތައް
ރާއްޖެ މިނިވަންވުމާ ބެހޭ އެގްރިމެންޓާ މެދު ރަސްމީ މަޝްވަރާތައް ސްރީ ލަންކާގައި ރާއްޖެ އާއި އިނގިރޭސި ހައި ކޮމިޝަނާ ދެމެދު ފެށި އެވެ. ރާއްޖެ އިން އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތީ ސިލޯނުގައި ހުންނެވި ދިވެހި ސަފީރު އަބްދުއްސައްތާރު މޫސާ ދީދީ އެވެ.
26 ޖުލައި 1965 : ރާއްޖެ މިނިވަންވުން
އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންވި އެގްރިމެންޓްގައި، ބޮޑުވަޒީރު އިބްރާހިމް ނާޞިރާއި އިނގިރޭސި ސަފީރު މައިކަލް ވޯކާ އެވެ. މި އެގްރިމެންޓްގައި ސޮއިކުރީ ސިލޯނުގައި ހުރި އިނގިރޭސި ހައި ކޮމިޝަންގައެވެ. ރާއްޖޭގެ މިނިވަންކަމާ ހަމައަށް ދިޔައީ ބޮޑުވަޒީރު އިބްރާހީމް ނާޞީރު ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އެކަމާގުޅިގެން 1965 ޖުލައި 28 ގައި ބޮޑުވަޒީރު އިބްރާހިމް ނާޞިރަށް ޣާޒީ ޢިއްޒަތްތެރި ވެރިޔާގެ ލަގަބު އަރުވަން ރައްޔިތުންގެ މަޖިލިހުން ފާސްކުރި އެވެ. އަދި 1965 ސެޕްޓެމްބަރު 22 ވަނަ ދުވަހު އދ.ގެ މެމްބަރަކަށް ރާއްޖެ ހަމަޖެހިގެން ދިޔައެވެ. އދ. ގައި ރާއްޖޭގެ ޤައުމީ ދިދަ ފުރަތަމަ ނެގީ 12 އޮކްޓޯބަރު 1965 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!