ރާމާ މަކުނުން ޖެހޭ ވައިރަސް ޖެހި ޗައިނާއިން މީހަކު މަރުވެއްޖެއެވެ.

"މަންކީ ބީ ވައިރަސް" ނަމަކަށް ކިޔާ ވައިރަހުގެ ސަބަބުން ބަލިޖެހި، މަރުވެފައިވަނީ ޖަނަވާރުންގެ ބަލިތައް ތަހުލީލުކުރުމުގައި އުޅޭ ޗައިނާގެ ޑޮކްޓަރެކެވެ. އޭނާއަށް ވައިރަސްގެ އަސަރު ކުރީ މަރުވެފައި އޮތް ދެ ރާމާ މަކުނުގެ ދިރާސާތަކެއް ކުރަނިކޮށް ކަމަށް ބޭރުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. އޭނާ ތަހުލީލު ކުރަމުން އައީ މަކާކް ބާވަތުގެ ރާމާ މަކުނުތަކެކެވެ.

Ad
rt

ބޭރުގެ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި މި ވައިރަހުގެ ސަބަބުން އޭނާގެ ނާރުތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ. އަދި ވައިރަހުގެ އަސަރު ކުރުމުން އޭނާގެބޮލަށް އެނބުރުން އަރައި، ހޮޑުލެވި، ހުން އައިސްފައިވާކަމަށް ވެސް ވެއެވެ.

މި ވައިރަސް ޖެހުނު ޑޮކްޓަރު މަރުވެފައިވަނީ މިދިޔަ މެއި މަހުގައެވެ. ނަމަވެސް ޗައިނާ ސަރުކާރުން ބަލި ތަހުލީލު ކުރުމަށް އެކަން ސިއްރު ކުރީއެވެ.

މަކާކް ކިޔާ ބާވަތުގެ ރާމާމަކުނުގެ ހަށިގަނޑުގައި އުފެދޭ މި ވައިރަސް، ޗިމްޕާންޒީ އާއި ކަޕޫޗިން ބާވަތުގެ ރާމާ މަކުނުގެ ހަށިގަނޑުގައި ވެސް ހުރެއެވެ.

އެމެރިކާގެ ސެންޓަ ފޯ ޑިސީޒް ކޮންޓްރޯލް އިން ބުނެފައިވާ ގޮތުގައި މި ވައިރަސް އެންމެ ފުރަތަމަ އިންސާނެއްގެ ހަށިގަނޑުން ފެނިފައިވަނީ 1932 ވަނަ އަހަރުގެތެރޭގައެވެ. އޭގެ ފަހުން މިހާތަނަށް 50 މީހެއްގެ ހަށިގަނޑުން މިވައިރަސް ފެނިފައިވާ އިރު، އޭގެ ތެރެއިން އެ ބަލީގައި މަރުވެފައިވަނީ 21 މީހުންނެވެ.

މި ވައިރަހަކީ ގައިންގަޔަށް އަރާ ވައިރަހެއްކަން އަދި ސާބިތެއް ނުވެއެވެ. މި ވައިރަސް ޖެހުނު 50 މީހުންނަަށްވެސް ވައިރަސް ޖެހުނީ ރާމާ މަކުނެއްގެ ފަރާތުންނެވެ.