"މަަކުނު ބޯކިބާ ބަހާގޮތް ބަލަން ޅޮސްއުނދޯލީގައި 21 ވަނަ ގަރުނުގާ ތިބޭނީީ ކާކުތޯ" ސުވާލު ކުރަށްވާ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބުދުއްކަރީމް (ރުކުމާ) އެމްޑީޕީއަށް ފާޑު ވިދާޅުވެއްޖެއެވެ.
18 ވަނަ މަޖިލިސްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ވެސް ހިމެނި ވަޑައިގެންނެވި، މާލޭ ސިޓީގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި އަދި ރެޔާހަމައަށް އެމްޑީޕީގެ މެންބަރެއް ގޮތުގައި ހުންނެވި ރުކުމާ މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމްއަށް ރޭ ސޮއި ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރުކުމާވަނީ މަަކުނު ބޯކިބާ ބަހާގޮތް ބަލަން ޅޮސްއުނދޯލީގައި 21 ވަނަ ގަރުނުގާ ތިބޭނީީ ކާކުތޯ ސުވާލު ކުރަށްވައި، ދެބުޅަލުގެ ކޯޅުމާއި ދެބޯގެރި އަޑުއަހަން އަދި ބޮޑު ދެގެރި ތަޅައިގެން ކަށްގަލަށް ބާރު ކުރާއިރު ގުނބޯ ނެއްޓިފަ ހުންނާނީ ކާކުތޯ ވެސް ސުވާލު ކުރަށްވާފައެވެ.
މަަކުނު ބޯކިބާ ބަހާގޮތް ބަލަން ޅޮސްއުނދޯލީގައި 21 ވަނަ ގަރުނުގާ ތިބޭނީީ ކާކުތޯ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބުދުއްކަރީމް (ރުކުމާ) ސުވާލު ކުރައްވައިފިއެވެ.
"ހަލާދަނޑީގެ ދެ ކޮޅު ބަލުމަށްފަހު ވޮޑޭ ތުނޑިއަށް މި އެރީ" ރުކުމާ ވިދާޅުވެފަވެއެވެ.
އެންމެފަހުން އޮތް މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ރުކުމާއަށް ނާކާމިޔާބުވެ ވަޑައިގެންފަހުން ހުންނެވީ އެމްޑީޕީގެ ހަރަކާތްތަކާއި ފެޔަށް ޖެހިވަޑައިގެންނެވެ. އެފަހަރު ރުކުމާއަށް ނާކާމިޔާބުވެ ވަޑައިގަތްއިރު އެމްޑީޕީގެ އިސްބައެއް ބޭފުޅުން ވަނީ އޭނާއާއި ފާޅުގައި ދެކޮޅަށް މަސައްކަތް ކުރަށްވާފައެވެ.
ރުކުމާގެ އިތުރުން ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީޙް ޖަމާލާއި، ކުރީގެ ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާޙީމް (ލޯޔަރު ވައްޑެ) ވެސް ރޭ ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގެންނެވެ.
މަލީޙް ޖޭޕީން ވަކިވެވަޑައިގެންނެވީ، މަޖިލީހުން އިތުބާރުނެތް ކަމަށް ފާސްކޮށް، އޭނާ ޖޭޕީގެ ސްލޮޓެއްގައި ފުރުއްވަމުން ގެންދެވި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުު ކަމުގެ މަގާމުން ވަކި ކުރުމުންނެވެ. މަލީޙް ޖޭޕީއަށް ވަޑައިގަތީ ވެސް ޕީޕީއެމްގައި ހުންނެވުމަށްފަހު މިދިޔަ ރިޔާސީ އިންތިހާބު ގައިދަށް ވެފައި ވަނިކޮށެވެ.
ލޯޔަރު ވައްޑޭ އަކީ ވެސް ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި 18 ވަނަ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ޔާމީނާއި ޚިޔާލު ތަފާތުވެ ރައީސް މައުމޫން ފަޅި ނަންގަވާފައެވެ. އެކަމުގެ ތެރޭގައި ވައްޑޭ ޖަލަށް ވެސް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. ރައީސް ޔާމީންގެ ދައުރުގައި ގޮނޑި ގެއްލުވާލި 12 މެންބަރުން ތެރޭވެސް ވައްޑޭ ހިމެނިވަޑައިގަންނަވައެވެ. މިހާރު މިއޮތް ވެރިކަން ގެންނަން ގަދައަޅާ މަސައްކަތްކުރި މީހުން ތެރޭވެސް ވައްޑޭ ހިމެނިވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!