ނަފުރަތުގެ ބިލުން އުފަންވެގެން މިދަނީ އިތުރު ނަފުރަތު ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސްގެ ވިލިނގިލީ ދާއިރާ ތަމްސީލް ކުރަށްވާ ސައުދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަފުރަތުގެ ބިލަކީ ސަރުކާރު "ހޫނު ފެނަށް ލުމަށް ކަށްކަން ބޭނުންކުރާ ދަރަކަށް" ވެގެން ނުވާކަމަށެވެ.

Ad
rt

ގިނަ ޢަދަދެއްގެ ދީނީ ޢިލްމް ވެރިންނާއި، މެޖޯރިޓީ ދިވެހި ރައްޔިތުން މި ބިލާއި ދެކޮޅު ހަދަމުން ދަނިކޮށް މިފަދަ ބިލެއް ގަދަބާރުން ފާސް ކުރުމަކީ ވަރަށް ހުދުމުޚްތާރު ގޮތެއް ކަމަށް ވެސް ސައުދު ވިދާޅިވިއެވެ.

ސައުދު އިތުރަށް ވިދާޅުވެފައި ވަނީ، ސިޔާސީ ބޮޑުންގެ ކޯޅުމާހެދި ރައްޔިތުން ހަނާވަމުންދާ ކަމަށެވެ.

"މިއީ ސަރުކާރާއި ގުޅިގެން އެންމެން އެކުގައި ހާލަތު ރަނގަޅުކުރަން މަސައްކަތްކުރަންވީ ވަގުތު" ސައުދު ވިދާޅުވެފަވެއެވެ.

އެކުގައި މަސައްކަތް ކުރުން ދޫކޮށް ބައިބައި ވުމަކުން ރައްޔިތުންނަށް ހޯދައިދެވޭނެ ލުޔެއް ފެނިވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސައުދު ވަނީ ޕާޓީ ޕޮލިޓިކްސްއަށްވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

މެންބަރު ސައުދު މި މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު، ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސްގެ މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން އެމަނިކުފާނުގެ އޮފީހުން މިއަދު އިނގިރޭސި ބަހުން ނެރުއްވި ބަޔާނެއްގައި ވަނީ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ސިޔާސީ ޕާޓީތަކަށް ދޫ ދީގެން، އެމްޑީޕީގެ އަސާސްތަކާ ހިލާފަށް ދީނީ ހައްދުފަހަނައެޅުމަށް ދީލައިލުން ބަލައިނުގަނެނެވޭތީ، މި ސަރުކާރަށް ތާއީދުކުރަން ދަތިކަމަށް މުޅި ދުނިޔެއަށް ރަސްމީކޮށް އިއުލާނުކުރައްވާފައެވެ.

މީގެއިތުރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ އެ ބަޔާނުގައި ވަނީ، ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ގާނޫނުލް އުގޫބަތަށް ގެންނަ އިސްލާހު ފާސްކުރުމުގެ ހިތްވަރު އެމްޑީޕީގެ ސަރުކާރުގެ ކިބައިގައި ނުވާނަމަ އެމަނިކުފާނުގެ ތާއީދެއް ސަރުކާރަށް ނެތްކަމަށް ވެސް ވިދާޅުވެފައެވެ.