ރައީސް ޔާމީނަށް ކުރާ އަނިޔާ ހުއްޓާނުލަނީސް ދައްކާނެ އެއްވެސް ވާހަކައެއް ނެތްކަމަށް، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ މުޙައްމަދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

މުޙައްމަދު މިހެން މި ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވެވި މެސެޖްތަކެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން އަބުދުލްޤައްޔޫމްގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

އިއްޔެ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖްތަކެއް ފެންނަ ސްކްރީން ޝޮޓްތަކެއް މީސް މީޑިއާގައި ދައުރުވެފައެވެ. އެ މެސެޖްތަކުގެ ތެރެއިން ބައެއް މެސެޖުތަކުގައި ރައީސް ޞާލިޙާއި، އެމަނިކުފާނާ މައްސަލަ ނުޖެހޭނެ ކަމަށް ވިދާޅުވެ، ނަމަވެސް ރައީސް ޞާލިޙާއި މިހާރު ފިކުރީގޮތުން ޚިޔާލު ތަފާތުކަމަށް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ބައެއް މީހުން ހިތްހަމަނުޖެހުނަސް ކުރާނެ ކަމެއްނެތްކަމަށް ވިދާޅުވެ، ރައީސް ޔާމީނާއި ޕީޕީއެމްއިން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެ ބޭފުޅުންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނިކޮށް މެންބަރު މުޙައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏މެދުމިނެއް ހަރުމިނެއް ކިޔާނެ ކަމެއްނެތް ކަމަށެވެ.

"ރައީސް ޔާމީނަށް ކުރާ އަނިޔާ ހުއްޓާނުލަނީސް ދައްކާނެ އެއްވެސް ވާހަކައެއް، ވެދެވޭނެ އެއްވެސް އެހީ އެއް ނޯންނާނެ! އަރާނެ ގޮޅި ހުސްވުމަކީ ޕީޕީއެމްގެ މައްސަލައެއް ނޫން! އިހުލާސްތެރި ކަމެއް ހުރި ނަމަ ފުރަތަމަ ރައީސް ޔާމިން މިނިވަންކުރޭ!" މުޙައްމަދު ވިދާޅުވެފަވެއެވެ.

އިއްޔެ މީސް މީޑިއާއަށް ދޫވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގެ ސްކްރީން ޝޮޓްތަކުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީ ތެރޭގައި ހަރުކަށި ފިކުރުއޮތް ކަމަށް ވެސް ވިދާޅުވެފައެވެ.

"އެ ވެރިންގެ ތެރޭގައި ވަނީ ހަނގުރާމައެއް. އަޅުގަނޑުމެން ކޯލިޝަންއަށްޓަކައި މީހުން ރުއްސަނީ. އެމްޑީޕީގެ ތެރޭގައިވެސް ހަރުކަށި ވިސްނުން އެބަ އުޅޭ،" ނަޝީދުގެ މެސެޖެއްގައި ވިދާޅުވެފައެވެ.

ރައީސް ޔާމީނަށް މިނިވަން ނުކުރަނީސް ދައްކާނެ އެއްވެސް ވާހަކައެއް ނެތްކަމަށް، މެންބަރު މުޙައްމަދު ވިދާޅުވިއިރު ރައީސް ޔާމީން މިނިވަން ކުރުމުން ނިޒާމް ބަދަލުކުރުމުގެ މަސައްކަތަށް ރައީސް ނަޝީދާއި ގުޅެން ތައްޔާރަށް ތިބިކަމަށް ޕީޕީއެމްގެ ނައިބް ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވެސް ވަނީ ކުރިން ވިދާޅުވެފައެވެ.