ކުރިމަގު ފައުންޑޭޝަން ގެ ފަރާތުން ޅ. ކުރެންދޫގައި ފުރަތަމަ ފަހަރަށް ފުޓްބޯޅަ އެކަޑަމީއެއް ހިންގަން ފަށައިފި އެވެ.
ކުރިމަގު ފައުންޑޭޝަން ގެ ފަރާތުން މަޢުލޫމާތުދެއްވި ގޮތުގައި މިއީ ދެޖިންސުގެ ކުދިންނަށްް ހުޅުވައިލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްގެ މަގްސަދަކީ ކުރެންދޫގައި ކުޅިވަރުގެ އައު ޖީލެއް ބިނާކުރުންކަމަށް އެ ފައުންޑޭޝަނުން ހާމަކުރެއްވި އެވެ.
މިހަރަކާތް މިވަގުތު ކުރިއަށްގެންދަނީ ކުރެންދޫ ފުޓްސަލް ދަނޑުގައެވެ. ނަމަވެސް ކުރިއަށްއޮތް ތަނުގައި ތަރުހީބު ލިބޭ މިންވަރަށް ބެލުމަށްފަހު ކުރެންދޫ ރަސްމީ ދަނޑަށް ޕްރެކްޓިސް ބަދަލު ކުރެވިގެން ދާނެކަމަށް ހާމަކުރި އެވެ.

މި ޕްރޮގްރާގައި އިރުޝާދު ދެއްވަނީ އޭ. އެފް. ސީ. ސީ ލައިސަން ކޯޗެއްކުގައިވާ ޅ. ކުރެންދޫ ލައިނޫފަރުގޭ އަލީ މުހައްމަދެވެ. މިއީ ކުރެންދޫގައި ކުރެންދޫ ރައްޔިތުންގެ މިންނެތް މަސައްކަތުން ޓާރފް ބޮޑު ދަނޑެއް ތަރައްގީ ކުރުމަށް ފަހު ރައްޔިތުން ދެކެން ބޭނުންވި އެއް ހުވަފެނެވެ.

މި ޕްރޮގްރާމް އަމާޒު ކުރަނީ 4 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުގެ ކުދިންނަށެވެ. ފައުންޑޭޝަންގެއަމާޒަކީ ކުރިއަށް އޮތް ތަނުގައި ވޮލީ ބޯލް، ނެޓްބޯލް، އެތުލެޓިކްސް، އަދި ހޭންޑްބޯލް ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް އަތޮޅު ތެރެއިންނާއި މާލޭގައި ހިންގަމުން އަންނަ އެކަޑަމީތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ އެކިއެކި އެކަޑަމީ ތަކުގައި ކުރު މުއްދަތުގެ ތަމްރީން ޕްރޮގްރާމް ތަކުގައި ބައިވެރި ވުމުގެ ފުރުސަތު ފަހި ވެގެންދާނެކަމަށް އެފައުންޑޭޝަން އިން ހާމަކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!