ދިވެހިރާއްޖޭގައި ހުރި އިޖުތިމާޢީ މައްސަލަތަކާ ބެހޭ ގޮތުން އެކިއެކި ބޭފުޅުން ވާހަކަ ދައްކަވާތާ އެތައް އަހަރެކެވެ. ޓީވީ ތަކާއި ރޭޑިޔޯ ޕްރޮގްރާމު ތަކުގައިވެސް އެކަން ކުރެއެވެ. އަދި އާންމު ރައްޔިތުންނަށް ބައިވެރިވެލައި ޝުޢޫރެއް ހިއްސާކޮށްލުމުގެ ފުރުސަތު ބައެއް ފަހަރު ލިބެއެވެ. އެކަމަކު އޮންނަނީ ދައްކަން ބޭނުންވާ ވާހަކަ ނުދެއްކިފައެވެ. ވަގުތު ވެސް ނޯންނަނީއެވެ. ފުރުސަތުތައް ވެސް މަދީއެވެ.
ވާހަކަ ދައްކާލަން ބޭނުންވާ ރާގާއި ބަހުރުވައިން ވާހަކަ ނުދެއްކޭތީ ވެސް އެ މަންސަތައް ކަމަކު ނުދެއެވެ. އެ ހުރިހާ ކަމެއްގެ ހައްލާއެކު މިއައީ ކުލަބު ހައުސް އެވެ. ކުލަބު ހައުސް ކިހިނެއްތޯއެވެ؟
ކުލަބު ހައުސް އަކީ ކަންކަމާމެދު ޚިޔާލު ފާޅުކޮށް މަޝްވަރާކޮށްލަން ވަރަށް ރަނގަޅު ހޮޅުއަށްޓެކެވެ. އެއީ ކަންކަމާމެދު އެމީހަކަށް ފެންނަގޮތް ބުނެވޭ މާސިންގާ ސުމޭކު ދަރުބާރުގެއެކެވެ. މީސްމީޑިއާގެ މި ދަރުބާރުގޭގައި އެކިއެކި މާލަންތަކާއި ކޮޓަރިތައް ހަދައިގެން ވާހަކަ ދައްކަންވީއެވެ. ވޮއިސްޗެޓް ކުރަންވީއެވެ. މޮޑަރޭޓަރުން ތިބެގެން ބަހުސް ކުރަންވީއެވެ. މިއީ ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ ޤައުމީ، ދީނީ، އިޖުތިމާޢީ، ސިޔާސީ، ޢިލްމީ، އިގުތިސޯދީ، ޞިއްޙީ، ޢުމުރާނީ މިއިން ކޮންމެ ދާއިރާއަކުން ވެސް ގިނަ ބަޔަކު އެއްތަންވެ ޚިޔާލާއި ޝުޢޫރު ފާޅުކޮށް މަޝްވަރާ ކުރެވިދާނެ ފައިދާ ހުރި ވަސީލަތެކެވެ. ހަމަ އެހެންމެ، ނުބައިގޮތުގައި ވެސް ބޭނުން ހިފޭނެ މަންސައެކެވެ.
ކުލަބުހައުސް އެޕްލިކޭޝަނަކީ އެންޑްރޮއިޑް، އައިއޯއެސް އަދި ވިންޑޯސްގައި ވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭ ސޮފްޓްވެއަރއެކެވެ. މިއީ އިންޓަރނެޓް ޓެލެފޮނީގެ ކެޓަގަރީގައި ހިމެނޭ އެޕެކެވެ. މީސް މީޑިއާއަށް ތަޢާރަފުވެ، ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް ދާދިފަހުން ފެތުރެންފެށި ވަރަށް މަގުބޫލު ވަސީލަތެކެވެ. މި ވަސީލަތް މިވީ ޓެކްނޮލޮޖީގެ އެހީގައި މީހުންގެ މެދުގައި މަސްވަރާކޮށް ޚިޔާލުބަދަލުކޮށް ހެދުމަށް އެންމެ އެކަށޭނަ އެއް އެޕްލިކޭޝަނެވެ. ކުލަބު ހައުސް އައުމާއެކު މީސް މީޑިއާގެ އެހެން ބައެއް އެޕްލިކޭޝަން ތަކަށް ވެސް ވޮއިސްޗެޓް ވަނީ ތަޢާރަފުކޮށްފައެވެ. ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ފޭސްކުބުގައި ވޮއިސްޗެޓާއި ވީޑިއޯ ޗެޓް ވެސް ވަނީ ތަޢާރަފުކޮށްފައެވެ.
ދިވެހިންގެ ފޯނުތަކާ ހަމައަށް ކުލަބު ހައުސް އައުމާއެކު ދިވެހިންވަނީ ތަފާތު އެކިއެކި ކޮޓަރިތައް ހަދައި މަޝްވަރާތައް ފަށާފައެވެ. އެކިއެކި ފަންނުގެ ތަޖުރިބާކާރުންނާއި ޝައުޤުވެރި ފަރާތްތަކުން މޮޑެރޭޓްކުރާގޮތަށް ރާއްޖޭގެ އެކިއެކި ހިސާބުގެ ރާގާއި ބަހުރުވައިން ހޫނު ބަހުސްތައް ވަނީ ފަށާފައެވެ. އެ ވާހަކަތަކާ ޝަކުވާތައް ރައްދުވާ ބައެއް ފަރާތްތަކުގެ ހާޒިރުގައި ވެސް އެމީހެއްގެ ޝުޢޫރުތައް ދަނީ ބަންޑުންކުރަމުންނެވެ.
މިއީ އާވައްތަރެއްގެ މިނިވަން ބަހުސްތަކެކެވެ. މީގެ ބަހުސްތަކުގައި ބައިވެރިވެ އުޅެވޭނީ ކެތްތެރިކަން ހުންނަ މީހުންނަށެވެ. އެހެން މީހުންގެ ޚިޔާލާއި ޝުޢޫރަށް ޖާގަދެވޭ ހިތްތަކުގެ ވެރިންނަށެވެ. ޖަޒުބާތުތައް މަތަކުރެވޭ މީހުންނަށެވެ. މީހުން ދައްކާ ވާހަކައިގެ އަޑު އަހާލުގެ ޤާބިލުކަން ހުންނަ ފަރާތްތަކަށެވެ. ކުލަބު ހައުސްގެ ތެރެއިން ކެތްތެރިކަމުގެ މި ފިލާވަޅު އަޅުގަނޑުމެންނަށް ދަސްވެއްޖެ ނަމަ މިއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެކަން ފަހުން ފެންނާނެއެވެ. މި މަންސައަކީ އުނގެނުމަށާއި އުނގަންނައިދިމަށް ވެސް ބޭނުން ކުރެވޭނެ މަންސައެކެވެ. ހުސް ވަގުތުތަކުގައި މަޢުލޫމާތު މުއްސަނދިކޮށްލައި މުނިފޫހި ފިލުވާލަން ވެސް ވަރަށް ރަނގަޅު ދަރުބާރު ގެއެކެވެ. ބައިތުބާޒީއާއި ލަވަބާޒީ ކުރިއަށް ގެންދަން އެންމެ ފައްކާ ބަގީޗާއެވެ. ދުރު ކައިރިކޮށްދޭނެ ވާސިތާއެކެވެ.
ކުލަބުހައުސްގައި އަޅުގަނޑުގެ ޕްރޮފައިލަކީ https://www.clubhouse.com/@allosaeed އެވެ.
ތިލަދުން ކުލަބް ހައުސް ޕްރޮފައިލް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!