ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލު ފާސްކުރަންވާނީ އިސްލާމިކް މިނިސްޓްރީގެ އިސްލާޙްތައް އެ ބިލުގައި ހިމެނުމަށްފަހުގައި ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ރާއީ މިހެން ވިދާޅުވީ، ރަހީނުކޮށް އަނިޔާވެރިކޮށް މަރާލާފައިވާ އުމުރުން 13 އަހަރުގެ ކުއްޖާގެ މަރާއި ގުޅިގެން މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަގެ ބަހުސްގައި މިއަދު ކުރިއަށް ދިޔަ މިޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރާއީ ވިދާޅުވީ، "ނަފުރަތުގެ އަމަލު ބަޔާންކޮށް" ގާނޫނުލްއުގާބާތަށް އަކުރެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާއި ގުޅިގެން އެތައް ބައެއްގެ ޚިޔާލު އިވެމުންދާ ކަމަށާއި، ތަފާތު ޚިޔާލުތައް އަޑުއިވެމުންދާ ކަމަށެވެ.

"އަޅުގަނޑު ހަމަ އެދެން އިނގޭތޯ، އެ ބިލު ފާސްވެގެންދިޔުން. އެކަމަކު އޭގައި އަޅުގަނޑުމެން އެދޭ ކަމެއް އެބަ އޮތް އޭގައި. އަޅުގަނޑު ހަމަ ވަރަށް ބޮޑު ކަމަކަށް އިސްލާމިކް މިނިސްޓްރީން އެބަހުރި އެއަށް އިނގޭތޯ އިޞްލާޙުތަކެއް ހުށަހަޅާފަ." ރާޢީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ އިސްލާޙްތަކާއެކު އެ ބިލު ފާސްވެގެން ދިޔުމަކީ އޭނާ އެދިވަޑައިގަންނަވާ ގޮތްކަމަށެވެ.

ރާއްޖޭގައި ނަފުރަތުގެ އަމަލު އެކުލެވޭ އެތައް ކަމެއް ހިނގަމުންދާ ކަމަށާއި، މީހުންގެ މެދުގައި ނަފްރަތާއި، ހަސަދައާއި، ރުޅިވެރިކަމާ އިނގޭތޯ، މިކަހަލަ ބައިވަރު ކަންތައްތަކެއްގެ މީގެ ކުރިން ވެއްޖެއްޔާ އަޅުގަނޑުމެންނަށް ފެންނާނީ ބޮޑެތި މީހުންގެ ތެރޭގައި. އެކަމަކު މިއަދު އަޅުގަނޑުމެންނަށް އިއްޔެ އަޑުއިވިގެންދިޔަ ޚަބަރަކީ ކުޑަކުޑަ ކުއްޖެއް އިނގޭތޯ. އަދި ދުނިޔޭގައި ވެސް ރަނގަޅަށް ދަސްނުވާވަރުގެ ކުޑަކުޑަ ކުއްޖެއްގެ ފުރާނަ ގެއްލިގެންދިޔައީ." ރާޢީ ވިދާޅުވިއެވެ.

ރާޢީ ވިދާޅުވީ، އެ ކުއްޖާގެ މަރުގެ ފަހަހަތުގައި ވެސް ބޮޑެތި މީހުންނާއި، އަދި އެތައް ބައެއްގެ ބައިވެރިވުން އޮންނާނެކަމަށް ގަބޫލު ކުރަށްވާކަމަށެވެ.

އެކަން ސާދުވެގެންދާނީ ސީދާ ތަހުގީގު ހިންގާ ވުޒާރާތަކުން މަޢުލޫމާތުތައް ހާމަކުރީމަ ކަމަށާއި، މި ކަހަލަ ކަންތައްތައް ހުއްޓުވަން ބޭނުންނަމަ މިފަދަ ބިލުތައް ވެސް ފާސްކުރަން ޖެހޭ ކަމަށް ރާޢީ ވިދާޅުވިއެވެ.

ރާޢީ ވަނީ އެކުއްޖާގެ މަރާއި ގުޅުވައިގެން ބައެއް ނޫސްތަކުން އެ ޚަބަރު ގެނެސްދިން ގޮތާމެދުވެސް ކަންބޮޑުވުން ފާޅުކުރަށްވައި، ވާހަކަ ދައްކަވާފައެވެ. ރާއްޖެގައި އެތައް ނުހެއް ހިންގާއިރު ވަރަށް ރަނގަޅަށް މައުލޫމާތު ފަތުރާ ނޫސްތައް ވެސް އެބަހުރިކަމަށާއި، ނަމަވެސް ބައެއް މަދު ނޫސްތަކުން ސައްހަނޫން ޚަބަރު ފަތުރާތީ ކަންބޮޑުވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ކަމާބެހޭ އިދާރާތަކުން ސައްހަ މައުލޫމާތު ހޯދައިގެން ފެތުރުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.