ނަފްރަތު އުފެއްދުން މަނާ ކުރުމަށް, ޤާނޫނުލްއުޤޫބާތު އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ރޭ މަޖިލީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ބިލާ ގުޅޭގޮތުން ޚިޔާލެއް ނުވަތަ އިސްލާހެއް އޮތްނަމަ އަންނަ އަންގާރަ ދުވަހުގެ މެންދުރު 12ގެ ކުރިން މަޖިލީހަށް ލިޔުމުން ހުށަހެޅުމަށެވެ. ޚިޔާލު އީމެއިލް ކުރައްވާނީ judiciary_committee@majlis.gov.mv އަށެވެ.

Ad
rt

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.

ޤާނޫނޫލްއުޤޫބާތަށް އިސްލާހު ގެނައުމުގެ ބިލު ނުވަތަ ނަފްރަތު އުފެއްދުން މަނާކުރާ ބިލާ ގުޅޭގޮތުން މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މެދުގައިވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައެވެ. މި ބިލަށް ބައެއް އެމްޑީޕީ މެންބަރުންނާއި އިދިކޮޅު މެންބަރުންވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ކައުންސިލް ތަކުންވެސް އަންނަނީ ބަޔާންނެރެމުންނެވެ.

ބިލާ ބެހޭ ގޮތުން ދީނީ އިލްމުވެރިންނާއި ބައެއް ސިޔާސީ ބޭފުޅުންވަނީ މިއީ ސެކިއުލަރިޒަމް ތައާރަފްކުރުމަށް ހުށަހަޅާފައިވާ ބިލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މި ބިލުން އިތުރަށް ނަފުރަތު އުފެދިގެން ދާނެކަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ބިލު ހުށަހެޅުއްވި މެންބަރު ހިސާން ވިދާޅުވީ, ބިލް އެކުލަވާލުމުގައި ވިސްނުން ބެހެއްޓެވީ އިމާމުންގެ ބަސްފުޅުތަކަށާއި އިސްލާމީ ބައެއް ހާދިސާތަކަށެވެ.

މި ބިލު މަޖިލީހަށް ބަލައިގަނެ، މިހާރު ވަނީ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ. އެ ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެން 55 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ.

ބިލަށް ހިޔާލު ހޯދާނެ ފަރާތްތަކާއި، ކޮމިޓީގައި ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑި ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު، އިމްތިޔާޒް ފަހުމީ ހުށަހެޅުއްވީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓަރ ޖެނެރަލް އަދި އެޗްއާރްސީއެމްގެ ހިޔާލު ހޯދުމަށް ލިޔުމަށެވެ. އަދި މި މަހުގެ 23 ވަނަ ދުވަހު ކޮމިޓީން ބިލުގެ މަސައްކަތް މުޅިން ނިންމުމަށެވެ.

އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު"