ކަޅު ބިއްލޫރި ޖަހާފައިވާ ޓެކްސީތަކުގެ ބިއްލޫރި، ޓެކްސީ ޤަވާއިދާ އެއްގޮތަށް ބަދަލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިތުރު ކޮށްފި އެވެ.

އެމިނިސްޓްރީއިން މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ޓެކްސީ ޤަވާއިދާ ޚިލާފަށް ޓެކްސީތަކުގައި ކަޅު ބިއްލޫރި ބޭނުންކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

Ad
rt

ކަޅު ބިއްލޫރި ޖަހައިގެން ދުއްވާ ޓެކްސީތަކުގެ ބިއްލޫރި ޤަވާއިދާ އެއްގޮތަށް ބަދަލު ކުރުމަށް އެފަހަރު ޓްރާންސްޕޯޓް މިނިސްޓްރީން ދެއްވާފައިވަނީ 6 މަސްދުވަހުގެ މުއްދަތެކެވެ.

މިއަދު އެމިސްޓްރީން ނެރުނު އިޢުލާނެއްގައިވަނީ މިމުއްދަތު މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހަށް އިތުރުކޮށްދީފަ އެވެ.

ޓެކްސީގެ ޚިދުމަތްދޭ އުޅަނދުތަކުގެ ދޮރުތަކުގައި ހުންނަންޖެހެނީ އެތެރެ ފެންނަ ސާފު ބިއްލޫރިއެވެ. އެގޮތުން ޓެކްސީ ޤަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ޓެކްސީކުރާ އުޅަނދުގެ ބިއްލޫރި ހުންނަންވާނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އާދައިގެ ގޮތަކަށް އެ އުޅަނދަށް ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަގޮތަށެވެ. އެހެންކަމުން ޓެކްސީތަކުގައި ކަޅު ބިއްލޫރި ޖަހައިގެން ދުއްވުމަކީ މަނާ ކަމެކެވެ.

ޓެކްސީތަކުގައި ކަޅު ބިއްލޫރިޖެހުން މަނާކޮށްފައިވަނީ އެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމަށާއި ޚިދުމަތްދޭ ފަރާތުގެ އިތުބާރު ދެމެހެއްޓުމަށްޓަކައެވެ. އަދި މިއީ ޓެކްސީތަކުގައި ހިންގާ ޤާނޫނާއި ޤަވާއިދާ ޚިލާފު ކަންކަން މަދުކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކަމެކެެވެ.