ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ފޭސްބުކްގައި ކޮމެންޓް ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ކޮމެންޓް ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރައްޔިތުން މަޖިލީހުގެ ފަރާތުންނެވެ.
މިފަދަ އިންޒާރުތަކާއި ނިރުބުވެރިކަމާއި ގުޅުން ހުރި ކަންކަން ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ޝުއޫރު ފާޅުކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މީގެކުރިން ވަނީ ދީފައެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް ޖަލްސާ ލައިވްކުރި ފޭސްބުކް ސްޓްރީމަކަށް ކޮމެންޓު ކުރި މީހަކު ވަނީ، މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށާއި މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ހަރާން ލާރި ކާ ބައެއް ކަމަށާއި، އެފަދަ ބަޔަކު ތިބޭ ތަނެއް ބަހައްޓާނެ ކަމެއް ނެތް ކަމަށް އޭނާ ކުރި ކޮމެންޓުގައި ބުނެފައިވެއެވެ.
މަޖިލިސް ގޮއްވާލަން އިންޒާރުދިން މައްސަލައަކާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މިމީހާކަމެއް ނުވަތަ އިތުރު މައްސަލައާއި ގުޅުންހުރި މީހެއްކަމެއް ފުލުހުން ނުބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!