ރާއްޖޭގެ ޓޫރިސްޓް ރިސޯރޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 60 އިންސައްތަ މުވައްޒަފުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައި ވުމާއެކު، ރާއްޖެއަކީ ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލް ކަމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިހެން ވިދާޅުވީ، ސައޫދީއަރަބިއްޔާގެ ރިޔާދުގައި މިއަދު ބޭއްވުނު ޓޫރިޒަމް ރިކަވަރީ ސަމިޓް ފެށުމުގެ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން ވާހަކަ ދަައްކަވަމުންނެވެ.

Ad
rt

ޓޫރިޒަމް ރިކަވަރީ ސަމިޓަކީ، ކޯވިޑް19އާއި ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ފަތުރުވެރިކަން އަލުން ފަށައިގަންނައިރު ދެމެހެއްޓެނެވިގޮތަކަށް ފަތުރުވެރިކަން ކުރިއެރުވުމުގެ މުހިންމުކަމަށް މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ.

އެ ސެމިޓް ފެށުމުގެ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ޑރ. މައުސޫމް ދެއްކެވި ވާހަކަފުޅުގައި ކޯވިޑް19އާ ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑުތަނުން ރިކަވަރވެރިފައިވާކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެކަން ހާސިލްވަމުން ދިޔުމުގެ ސިއްރަކީ ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި، ރައްޔިތުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އަދި ޓޫރިސްޓުންގެ ސަލާމަތާ ރައްކާތެރިކަމަށް ސަރުކާރާއި އިންޑަސްޓްރީއިން ދިން އަހަންމިއްޔަތުކަން މިނިސްޓަރު ވަނީ ފާހަގަ ކުރަށްވާފަ އެވެ.

މިގޮތުން، ދުނިޔެއަށް ކޯވިޑް19ގެ ވެކްސިނެއް ތަޢާރުފުނުވެ ދިޔަ މުއްދަތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ރައްޔިތުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އަދި ޓޫރިސްޓުންގެ ސަލާމަތާ ރައްކާތެރިކަމަށް ދިން ސަމާލުކަމުގެ އިތުރުން ދަތުރުފަތުރުކުރުމުގައި ފަސޭހަކަމާއި އިތުބާރާއެކު ކަންކަން ބައްޓަންކުރެވި ސިއްޙީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް ރަނގަޅު ގައިޑްލައިންތަކެއްހަދާ އެއަށް ޢަމަލުކުރަމުން ދިއުންކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ޓޫރިސްޓް ރިސޯރޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 60 އިންސައްތަ މުވައްޒަފުން ކޯވިޑް19 ގެ ވެކްސިން ފުރިހަމަކޮށްފައިވާތީ ރާއްޖެއަކީ ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލުކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، ދިވެހި ރައްޔިތުން މިހާރުވެސް ތިބީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް މެހެމާންދާރީ އަދާކުރުމަށް ތައްޔާރަށްކަމަށެވެ. އަދި މިނިސްޓަރު ވަނީ ހުރިހާ ފަރާތްތަކަށްވެސް ރާއްޖެ ޒިޔާރަތްކުރުމަށް ދައުވަތު ދެއްވާފައެވެ.