ގްރޭޓާ މާލޭ ސަރަޙައްދުގައި ބަހުގެ ހިދުމަތް ފޯރުކޮށްދިނުން އެމްޓީސީސީގެ ދަށަށް ގެނައުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާލުވީ މި އެއްބަސަވުމުގައި މި މަހު ސޮއި ކުރެވޭނެ ކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން ކަމާބެހޭފަރާތްތަކާއެކު ހަދަންޖެހޭ އެގްރީމަންޓްތަކުގެ ޑްރާފްޓްތައް ނިމި، މިކަމާގުޅޭ މަޝްވަރާތައްވެސް ނިމިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވ.
މިވަގުތު މާލެ ސަރަހައްދުގެ ބަހުގެ ހިދުމަތް ދެނީ އެމްޓީސީސީއާ އެމްޕީއެލް ގުޅިގެންނެވެ. އެގޮތުން، ހުޅުމާލެއާއި ހުޅުލެއާ ދެމެދުގެ ދަތުރުތައް އެމްޓީސީސީން ދެމުންގެންދާއިރު މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގައި ބަހުގެ ހިދުމަތް ދެމުން އަންނަނީ އެމްޕީއެލުންނެވެ.
އާޒިމް ވިދާޅުވީ، މުޅި ރާއްޖޭގެ ޕަބްލިކް ޓްރާންސްޕޯޓުގެ ތެރެއިން ފެރީއާއި ބަހުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ގެނައުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.
"އަޅުގަނޑަށް ޤަބޫލުކުރެވެނީ އެންމެ ލަސްވެގެން މޭ މަސް ނިމުމުގެ ކުރިއަށް، އެމްޓީސީސީއާއި، އެމްޕީއެލްއާއި ފިނޭންސް މިނިސްޓްރީއާއި 3 ފަރާތުން ވެގެން މިކަމުގެއެއްބަސްވުމުގައި ސޮއިކުރެވި، އެމްޓީސީސީގެ ދަށަށް މި އޮޕަރޭޝަން ގެނެވޭނެކަމަށް. މިކަމުގައި ޓްރާންސެޝަން މަރުހަލާއެއް އުޅޭނެ. އެމަރުހަލާގެ ތެރޭގައިއަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތް އެބަހުރި. މި ހުރިހާ ބަސްތަކެއް ބަހައްޓާނެތަނެއް މިވަގުތަކުނެތް. މިހާރުވެސް އެމްޕީއެލްގައިވެސް ގާތްގަނޑަކަށް22 ބަސް، އެމްޓީސީސީގައިވެސް ފުދޭވަރަކަށް ގިނަ ބަސްތައް އެބަހުރި" އާޒިމް ވިދާޅުވިއެވެ.
މި ބަދަލު ގެނައި ނަމަވެސް އެމްޕީއެލުން ބަހުގެ ހިދުމަތް ދޭން ނެގި މުވައްޒަދުން ވަޒީފާއިން ވަކި ނުކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ޓްރާންސިޝަން މަރުހަލާގައިއެ މުވައްޒަފުންވެސް އެމްޓީސީސީއަށް ނަގާނެކަމަށް އޭނާަ ވިދާޅުވިއެވެ. އަދި ބަހުގެ ޚިދުމަތުގައި ބޭނުންކުރާ ބަސްތައް ބެހެއްޓުމަށްޓަކައި ހުޅުމާލެއިން ބިން ހޯދުމާއިގުޅޭގޮތުން އެޗްޑީސީއާއެކު މަޝްވަރާތައް ކުރެވިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގްރޭޓަރ މާލޭ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ ދެކުނުން ލ. އަތޮޅާއި، ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ބަހުގެ ޚިދުމަތްވެސް އެމްޓީސީސީގެ ދަށަށް ގެނައުމަށްޓަކާކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!