ޕޭ ކޮމިޝަނުން ހުށަހެޅި ގޮތަށް ކައުންސިލަރުންގެ މުސާރަތައް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

Ad
rt

ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ކުރުމަށްފަހު، ކައުންސިލަރުންގެ މުސާރަ މުރާޖައާ ކުރުމަށްފަހު ކައުންސިލަރުންނަށް ދޭ މުސާރައަށް ބަދަލު ގަނައުމަށް ޕޭ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަ 9 ދުވަހުއެވެ.

މިއަދު މާލިއްޔަތު ކޮމިޓީން ފާސްކޮށްފައި ވަނީ، އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ 25،000 ރުފިޔާ އިން 28،000 ރުފިޔާއަށް ބޮޑުކުރާށެވެ. އެއީ 22،400 ރުފިޔާގެ މުސާރަ އަކާއި އެލަވެންސްގެ ގޮތުގައި 5،600 ރުފިޔާއެވެ

ރަށު ކައުންސިލްގެ ރައީސްގެ މުސާރައިގެ ގޮތުގައި 18،400 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 4،600 ހަމަޖައްސައި، ޖުމުލަ 23،000 ރުފިޔާ ދިނުމަށް އެ ފާސްކޮށްފައި ވެއެވެ.

ރަށު ކައުންސިލުގެ ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި 11،600 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 3،400 ރުފިޔާއާއެކު ޖުމުލަ 15،000 ރުފިޔާ ދިނުމަށް ފާސްކޮށްފައިވާއިރު، ރަށު ކައުންސިލް މެމްބަރެއްގެ މުސާރައިގެ ގޮތުގައި 9،600 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 2،400 ރުފިޔާ ހަމަޖައްސައި، ޖުމުލަ 12،000 ރުފިޔާ ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ.

މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ރައީސްއަށް މުސާރައިގެ ގޮތުގައި ލިބެނީ 15،000 ރުފިޔާއެވެ. ކައުންސިލުގެ ނައިބު ރައީސްގެ މުސާރައަކީ 12،000 ރުފިޔާއެވެ. އަދި ރަށު ކައުންސިލް މެންބަރެއްގެ މިހާރުގެ މުސާރައަކީ 10،000 ރުފިޔާއެވެ.

ސިޓީ ކައުންސިލަތަކަށް ކޮމިޓީން މުސާރަ ކަނޑައަޅައި ފާސްކޮށްފައި ވަނީ، މޭޔަރަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ދިނުމަށެވެ. ޑެޕިއުޓީ މޭޔަރަށް މުސާރައިގެ ގޮތުގައި 27،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 8،000 ރުފިޔާ ދޭން ފާސްކުރި އިރު، މެންބަރުންނަށް މުސާރައިގެ ގޮތުގައި 24،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 6،000 ރުފިޔާ ދިނުމަށެވެ.

މި ނިންމުން ފާސްކުރި ކޮމެޓީގައި މެންބަރުން ވަނީ މުސާރައިގެ ފަރަގުގެ މައްސަލަ ފާހަގަކޮށްފަ އެވެ.

މެންބަރުންގެ ޚިޔާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، މިހާބޮޑު ތަފާތެއް ކައުންސިލްގެ ރައީސާއި އެހެން މެންބަރުންގެ މުސާރައިގައި އޮތީ އޮފީސްތަކުގެ ޑިރެކްޓާ ޖެނެރަލުންގެ އަސާސީ މުސާރަ ވެސް 17،000ރ. ގައި އުޅޭތީ، ކައުންސިލް ރައީސްގެ މުސާރަ އެއަށްވުރެ ކުޑަ ނުކުރަން ވެގެން ކަމަށް ޕޭ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

ޕޭ ކޮމިޝަނުން ފޮނުވާފައިވާ ގޮތަށް މުސާރަ ދިނުން ރަނގަޅު ކަމަށް ނިންމީ ހަނިގޮތަކަށް 6 ވޯޓުންނެވެ. އެ ކޮމެޓީގައި 14 މެންބަރަކު ތިއްބަވައެވެ.

މާލިއްޔަތު ކޮމެޓީގެ މި ނިންމުމަށް ގޮތެއް ނިންމުމަށް ދެން އެ މައްސަލަ ދާނީ މަޖިލީހުގެ ތަޅުމަށެވެ.