ހދ. ނެއްލައިދޫ ބަށިމާގޭ އަލީ އަހުމަދަކީ ކޮންސްޓްރަކްޝަން ދާއިރާއިން މިއަދު ރާއްޖޭގެ ގިނަބަޔަކު ދަންނަ މޫނެވެ. ހާއްސަކޮށް ރިޒޯޓްތަކުގައި ހުންނަ "މޫދު ވިލާ" ހެދުމުގައި އަލިބެއަކީ ނަން މަޝްހޫރު މީހެކެވެ. މިހާރު އުމުރުން 49 އަހަރުގެ އަލިބެ، މި ދާއިރާއަށް ނިކުތީ އުމުރުން އެންމެ 17 އަހަރުގައެވެ.

ތިލަދުންއަށް އަލިބެ ކިޔައިދިން ގޮތުގައި އަލިބެގެ އާއިލާގެ އެންމެންނަކީވެސް ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ މީހުންނެވެ. އެގޮތުން، ގަލޮޓު ސްޓޭޑިޔަމް ހެދި އިރު، އެންމެ ފުރަތަމަ އަލިބެ މަސައްކަތަށް ނިކުތީ، އާދައިގެ ލޭބަރެއްގެ ގޮތުގައެވެ. އަލިބެ ބުނީ އެއީ 1986 ގައި ކަމަށެވެ. އަދި އޭރު މަސައްކަތް ކުރީ އެލިޔާގައި ކަމަށްވެސް އަލިބެ ބުންޏެވެ.

Ad
rt

އެލިޔާގައި މަސައްކަތްކުރަމުން އަރިއަތޮޅު ނިކަ ހޮޓެލް ރިޒޯޓުގައި "ރެއިން ވޯޓަރ ޓޭންކް" ހެދުމަށާއި، ރިނޮވޭޝަންގެ މަސައްކަތް ކުރުމަށް އަލިބެއާއި، އެ ރިޒޯޓަށް ދާން ޖެހުނެވެ. އަދި އެ ރިޒޯޓުގައި މަސައްކަތް ނިންމުމަށްފަހު، އަރިއަތޮޅު މޫފުށި ރިޒޯޓުގައި ވޯޓާ ވިލާ، އަދި އެއްގަމު ކޮޓަރި އެޅުމަށް ދާން ޖެހުނެވެ.

މޫފުށީގައި އެޅި ވޯޓާ ވިލާތަކަކީ ރާއްޖޭގައި އެޅި ދެވަނަ ނުވަތަ3 ވަނަ ވޯޓާ ވިލާތައްކަން އަލިބެ ވަނީ ފާހަގަކޮށްފައެވެ. އަދި ރިޒޯޓް ކޮންސްޓްރަކްޝަން، ހާއްސަކޮށް ވޯޓާ ވިލާ ހެދުމަށް އަލިބެ ޝައުގުވެރިކަން އުފެދުނީ އެހިސާބުން ކަމަށް އަލިބެ ބުންޏެވެ. އަލިބެ އޭރު އުޅުނީ އެލިޔާގެ ސްޕަވައިޒަރެއްގެ ގޮތުގައެވެ.

އެއަށްފަހު ދެން އަލިބެ ދިޔައީ ރިޒޯޓެއްގެ ވަޒީފާއަކަށް ރީތި ރަށަށެވެ. ރީތި ރަށުގައި އަލިބެގެ ތަޖުރިބާ ހިއްސާކުރަމުން އަލިބެ ބުނީ، އެތާނގައި ކުރި މަސައްކަތަކީ ޓާސްކްފޯހެއް ހަދައި، ހެޑް ލޭބަރެއްގެ މަގާމު އަދާކުރީ ކަމަށެވެ. އަދި އެތަނުގައި ވޯޓާ ވިލާ އެޅުމާ، އެކި އެކި އަޕްގްރޭޑް ކުރިއިރު ހެޑަކަށް ހުރީވެސް އަލިބެ ކަމަށެވެ.

ރީތި ރަށުގައި މަސައްކަތް ކުރުމަށްފަހު އަލިބެ ދެން ފެއްޓީ އަމިއްލަ ގްރޫޕެއް ހިންގާށެވެ. މިގޮތަށް އަމިއްލަ ގްރޫޕްތަކުގައި އުޅެ، އެތައް ރިޒޯޓެއްގައި މަސައްކަތް ކުރުމަށްފަހު، ދެން އަލިބެ ގުޅުނީ ރަބަރޭ ކޮންސްޓްރަކްޝަންސް އާއެވެ. ރަބަރޭ ކޮންސްޓްރަކްޝަންސް އާއި ގުޅުމުގެ ކުރިން ލިބުނު ހުސް ވަގުތުގައ ރައީސް އޮފީހުގެ ކޮންސްޓްރަކްޝަން މަސައްކަތުގައިވެސް ސްޕަވައިޒަރެއްގެ ގޮތުގައި ބައިވެރިވި ކަމަށް އަލިބެ ބުންޏެވެ.

އަދި އޭގެ ފަހުންވެސް އަމިއްލަ ގުރޫޕެއް ހަދައިގެން މަސައްކަތުގައި އުޅުމަށް ފަހު، އިނާކޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކޮމްޕެނީއެއް ހެދިއެވެ. އެއަށްފަހު 2014 ވަނަ އަހަރުން ފެށިގެން، އަމިއްލަ ވިޔަފާރިއެއް ފަށައި، ކޮންސްޓްރަކްޝަން އާއި ދުރަށް ޖެހިލިއެވެ.

އޭގެ 3 އަހަރު ފަހުން، 2017 ވަނަ އަހަރު އަނެއްކާވެސް އަލިބެ މި ދާއިރާއަށް އެނބުރި އައެވެ. އަދި އިތާފުށީގައި އޭރު މަސައްކަތްކުރަމުން، އޭ.އައި.އޭ ކޮންސްޓަރަކްޝަން އުފެދުނެވެ. އޭ.އައި.އޭ ގެ ދަށުންވެސް އެކި އެކި ގިނަ މަސައްކަތްތަކެއް އަލިބެ އަންނަނީ ކުރަމުންނެވެ. އަލިބެ ބުނާގޮތުގައި، އޭއައިއޭ އިން އެންމެ ފަހުން މަސައްކަތްކުރީ އެނބޫދޫ ފަޅު (ކްރޮސް ރޯޑް) މަސައްކަތުގައެވެ.

އަލިބެ ބުނީ މިހާރު 33 އަހަރު މި ދާއިރާގައި މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ޖުމްލަ 48 ރިޒޯޓެއްގައި މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އޭގެތެރޭގައި ރާއްޖޭގެ މަސްޙޫރު ރިސޯޓްތައް ހިމެނެއެވެ. އަލިބެ ބުނީ، އަބަދުވެސް އަލިބެ ބަލަނީ ދިވެހިން ލައްވާ މަސައްކަތް ކުރެވޭތޯ ކަމަށެވެ. ސަބަބަކީ ދިވެހިގެ ތަޖުރިބާއާާއި މަސައްކަތުގެ ކޮލޮޓީ ކަމަށެވެ. މި ދާއިރާގައި އަލިބެއަށް ލިބޭ އެންމެ ބޮޑު ކުރިއެރުމަކީ ބޮޑެތި ކުންފުނިތަކުން އަލިބެގެ މަސައްކަތް ބަލައިގަތުން ކަމަށްވެސް އަލިބެ ވަނީ ބުނެފައެވެ.

މަސައްކަތުގެ މާހައުލުގެ ބޭރުން ބަލާއިރު އަލިބެއަކީ ރަށު ފެންވަރުގައި އަދި އަތޮޅުފެންވަރުގައިވެސް އިޖްތިމާއީ، ސިޔާސީ ގޮތުންނާއި ކުޅިވަރުގެ ގޮތުން ފާހަގަކޮށްލެވޭ މޫނެކެވެ. ނެއްލައިދޫގެ ކަންކަމުގައި އަމަލީގޮތުން ބައިވެރި ނުވެވިއްޖެނަމަ މާލީގޮތުން ނަމަވެސް އަލިބެ އެހީތެރިކަން ފޯރުކޮށްދޭކަމަށް ނެއްލައިދޫ ޒުވާނުންބުނެއެވެ.