ޕަބްލިކް އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައިވާ ހުއްދަ 1 އަހަރު ދުވަހަށް އިތުރު ކުރުމަށްއެދި ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުމެއް ގޮތެއް ނުނިމި މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
މިއަދުގެ ޖަލްސާގައި ވަނީ ޤާނޫނު ނަންބަރު 7/2013 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީއިން މަޖިލިސްއަށް ހުށަހެޅި މައްސަލައިގެ ބަހުސްކުރިއަށް ގެންދަވާފައެވެ.
މިގޮތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވަނީ އެމައްސަލަ މަޖިލީހުން ކަނޑައަޅާ ހާއްސަ ކޮމިޓީއަަކަށް ފޮނުވައިގެން ދިރާސާ ކުރުމަށް ހުށަހަޅުއްވާފަ އެވެ. އެ ހުށަހެޅުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 48 މެމްބަރުން އެގޮތަށް އެކަން ކުރަން ނުފެންނަ ކަމަށް ވަނީ ވޯޓު ދީފައެވެ. ފެންނަކަމަށް ވޯޓު ދިނީ 12 މެމްބަރުންނެވެ.
އެ ހުށަހެޅުން ފާސްނުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ހުށަހެޅުން ފާސްނުވުމުން، މިއަދުގެ މުޅި މައްސަލަ އާ ގުޅޭގޮތުން އެއްވެސް ގޮތަކަށް ފާހެއް ނުވި ކަމަށެވެ. އެހެންކަމުން މިނިސްޓްރީ އޮފް ފިނޭންސުން އެދިވަޑައިގެން އެދިވަޑައިގަތުމާ ގުޅޭގޮތުން މަޖިލީހުން ވަކި ގޮތެއް ނުނިންމަވާ ކަމަށް މަޖިލިސް ރިޔާސަތުން ވިދާޅުވިއެވެ.
"މި މަޖިލީހުގެ ނިޒާމު އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ، މިތަނަށް ހުށަހެޅި ތާއީދުލިބޭ ކަންކަމަށް ވޯޓަށް އަހަނީ. އިއްޒަތްތެރި މެމްބަރުން ވިސްނަވަން ޖެހޭނެ ކަންކަމުގައި އަމަލުކުރައްވާ އިރުގައި އެކަމަކުން ދެން ވެގެންދާނެ ގޮތް." މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
މި މައްސަލައާއިމެދު މިއަދު ގޮތެއް ނުނިމުނުއިރު، މަޖިލިސް ހިންގުމުގައި އާންމުގޮތެއްގައި އެ މައްސަލައެއް ފޮނުވަން ގަވާއިދުގައި އޮންނަނީ އެ މައްސަލައެއް ނިސްބަތްވާ ކޮމެޓީއަށެވެ. އެހެންކަމުން މި މައްސަލައަކީ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވަންޖެހޭ މައްސަލައެއް ނަމަވެސް، މިއަދު ޖަލްސާގައި އެގޮތަށް ގެންދެވި ސަބަބެއް ނޭނގެއެވެ.
ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރޯ ދިގު މުއްދަތުން އަނބުރާ ދައްކާ ބޮންޑަކަށް ބަދަލުކުރަން ބޭނުންވާތީ އިތުރު އެއް އަހަރު ދިނުމަށް ފިނޭންސް މިނިސްޓްރީން އެދުމުން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅީ އިއްޔެގެ ޖަލްސާގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!