މިދިޔަ އަހަރު ފާސްކޮށް، މިހާރު އަމަލު ކުރެވެމުންދާ ''ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު''ގެ ދަށުން އުފައްދާ ޕޮލިސް ބޯޑަށް އާއްމުންގެ ފަރާތުން ސަފާ ޝަރީފް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓްގައި ސަފާ ޕޮލިސް ބޯޑަށް އައްޔަނުކުރަން ފެންނަކަމަށް 34 މެމްބަރަކު ވޯޓު ދެއްވި އެވެ.

Ad
rt

ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމަށް ކުރިމަތިލާން ދެވަނަ ފުރުސަތެއް ހުޅުވާލުމުން ސަފާގެ އިތުރުން އަހްމަދު އުސައިދު ހަސަނާއި، ހައްވާ ރީނާ ހަސަނާއި، އިބްރާހިމް ތައުފީގު މޫނިސް އާއި، މުހައްމަދު އިމްރާން ޝަރީފްގެ އިތުރުން އައިޝަތު ރަޝީދު ވެސް ކުރިމަތި ލެއްވިއެވެ.

ނަމަވެސް އެ ނަންތަކުގެ ތެރެއިން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ދިރާސާ ކުރުމަށް ފަހު ކޮމެޓީގެ އަޣުލަބިއްޔަތުން ޕޮލިސް ބޯޑަށް އައްޔަނުކުރުމަށް މަޖިލިސް ތަޅުމަށް ފާސްކުރީ ސަފާގެ ނަމެވެ.

ސަފާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ކުރިން މަސައްކަތް ކުރަށްވާފަ އެވެ. އަދި ނިމުނު ސަރުކާރުގެ ފަހުކޮޅު ހިނގާދިޔަ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި، އޭރު ފުލުފުލުގައި، އޭރުގެ އިދިކޮޅުފަރާތްތަކަށް އުފުލި ދައުވާތަކުގައި މިހާރުގެ އެޓާނީ ޖެނެރަލް އިބްރާޙީމް ރިއްފަތާއި، ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިނާ އެކު ދިފާއީ ވަކީލެއްގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކުން ކުރަށްވާފަ އެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވާލި ފުރުޞަތުގައި ކުރިމަތިލި ފަސް ބޭފުުންތެރެއިން އެ ބޯޑަށް އައްޔަނުކޮށްފައި ވަނީ ގައުމީ ޔުނިވާސިޓީގެ ކައުންސިލް މެންބަރ އަދި އެމްޑީޕީގެ ކުރީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރުއެވެ.

ގާނޫނު ބުނާ ގޮތުން ޕޮލިސް ބޯޑު އެކުލުވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން އާންމުންގެ ތެރެއިން، ކުރިމަތިލާ ދެ މެމްބަރުންނެވެ.