ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒުއަށް ތާއީދު ކުރަން ޢަލީ އަޝްފާޤް (ދަގަނޑޭ)، ނިންމައިފިއެވެ.

ފުޓުބޯޅައިން ރާއްޖެއަށް އެތައް ރީތި ނަމަކާއި ޝަރަފެއް ހޯދައިދިން ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ދަގަނޑޭ، ޑރ. މުޢިއްޒަށް ތާއީދު ކުރަން ނިންމިކަން ހާމަކުރެއްވީ ޑރ. މުޢިއްޒު ކުރެއްވި ޓުވީޓެއްގަ އެވެ.

Ad
rt

''މާލޭގެ މޭޔަރުކަމަށް އަޅުގަނޑަށް ތާއީދު ކުރެއްވި ކަމަށްޓަކައި، ޤައުމު އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ އެފަދަ ދެވަނައެއްނުވާ ދަގަނޑޭއަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން'' އެ ޓްވީޓްގައި ޑރ. މުޢިއްޒު ވިދާޅުވެފަ ވެއެވެ.

ޑރ. މުޢިއްޒަށް މީގެކުރީން ތާއީދު ކުރަށްވާކަން ހާމަކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި، ހުޅުމާލެ އާރާސްތުކުރުމުގެ މަސައްކަތް ފަރުމާކޮށް ފެށުމުގައާއި، ތިލަފުށި ހެދުމާއި، މާލޭގެ މަގު ހެދުން ފަދަ ތަރައްގީގެ ގިނަ މަޝްރޫޢުތައް ހިންގުމުގެ އިސް މޭސްތިރިއަކަށް ހުންނެވި ކުރީގެ މިނިސްޓަރު އުމަރު ޒާހިރުއާއި، ރާއްޖޭގެ އެންމެ ފުންނާބުއުސް އެއް ޝާއިރު، އެއް އަދީބު ބޮޑުފެންވަޅުގޭ ސީދީގެ ބޭފުޅެއްކަމަށްވާ އަދި ރާއްޖެއިން އެންމެ ފުރަތަމަ މަތީތަޢުލީމް ހާސިލް ކުރެއްވި ބޭފުޅުން ތެރޭ ހިމެނިވަޑައިގެންނެވި، ރޭޑިޔޯ މޯލްޑިވްސް، އެޓޯލްސް ޑިވިޒަން، އެޑިޔުކޭޝަން މިނިސްޓްރީ، ފޮރިން މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީގައި އިސްމަގާމްތަކަކާއި، މިނިސްޓަރުކަމުގެ މަގާމްވެސް ފުރުއްވި ބޮޑުފެންވަޅުގޭ މުހައްމަދު މުސްތަފާ ހުސައިން ހިމެނި ވަޑައިގަންނަވައެވެ.

މީގެއިތުރުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް ބޭފުޅުން ވެސް ވަނީ ޑރ. މުޢިއްޒުއަށް ތާއީދު ކުރަށްވާފަ އެވެ. އޭގެ ތެރޭގައި 18 ވަނަ މަޖިލިސްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ވެސް ހިމެނި ވަޑައިގެންނެވި، މާލޭ ސިޓީގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި،ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބުދުއްކަރީމް (ރުކުމާ)އާއި، މާލޭ ސިޓީގެ ފުރަތަމަ ޑެޕިއުޓީ މޭޔަރު އަހްމަދު ޝަމާއު ރަޝީދު އަދި އެމްޑީޕީގެ ހަރު މެންބަރެއްކަމަށްވާ ފުރަހަނި ޝުޢައިބު ހިމެނެއެވެ.

އެކިގިންތީން ޑރ. މުޢިއްޒުއަށް ތާއީދު ކުރަމުން އަންނައިރު، މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންކުރެ ތަޢުލީމާއި، ތަޖުރިބާގެ ގޮތުން އެންމެ ފުންނާބުއުސް ކެނޑިޑޭޓަކީ ޑރ. މުޢިއްޒުއެވެ.