ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕަރމަނަންޓް ސެކެޓްރީ ޒީނިޔާ އަހުމަދުހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
އެމްޓީސީސީއާ މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި މ. މުލަށް، ވ. ރަކީދޫ، ރ. ފައިނު، ރ. ރަސްމާދޫ އަދި ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައްހިމެނެއެވެ.
މީގެ ތެރެއިން މުލަކުގެ މަޝްރޫއަށް 17.66 މިލިއަން ރުފިޔާ ހަރަދުވާއިރު ރަކީދޫއަށް 9.16 މިލިއަން ރުފިޔާ އަދި ފައިނަށް 8.96 މިލިއަން ރުފިޔާ، ރަސްމާދޫއަށް11.68 މިލިއަން ރުފިޔާ، ތުޅާދޫއަށް 10.13 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި އެއްބަސްވުމުވައި ކޮންމެ ރަށެއްގައި ހިންގާ މަޝްރޫއު ނިންމުމަށް އެމްޓީސީސީއަށް ވަނީ މުއްދަތެއްވެސް ދީފައެވެ. އެގޮތުން މުލަކާއި ރަކީދޫގެ މަޝްރޫއު އެކުންފުންޏާ ހަވާލު ކުރީ 105 ދުވަހުން ނިންމުމަށެވެ.
މީގެ އިތުރުން ފައިނާއި ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް 180 ދުވަހުން ނިންމަން ޖެހޭއިރު ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް 150 ދުވަހުން ނިންމަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!