ދަފްތަރު ތަޢާރަފްކުރެވުނުއިރު ދިވެހިރާއްޖެ އަދި ޚާއްޞަކޮށް މާލެ އޮތް ޙާލަތަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ފާހަގަކޮށް، ދަފްތަރު ގުޅޭގޮތުން ހަރުދަނާ، ޤާނޫނީ އޮނިގަނޑެއް ޒަމާނާ އެއްގޮތަށް ތައްޔާރުކުކޮށް، އެފަދަ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ހުށަހަޅައިފިއެވެ.
އެ ކޮމެޓީން ހުށަހެޅުން ހުށަހަޅާފައި ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމުގުޅޭގޮތުން އެ ކޮމެޓީން އެކުލަވާލައި، މިއަދު އާންމުކުރި ދިރާސާ ރިޕޯޓު ގައެވެ.
އެ ރިޕޯޓުގައި ދަފުތަރާއި ގުޅިގެން ފާހަގަކޮށްފައިވާ ކަންތައް ތަކުގެ ތެރޭގައި، 2018 ވަނަ އަހަރުގެ ތެރޭގައި ހިޔާ މަޝްރޫޢުގެ ފްލެޓްތައް އިޢުލާނުކުރެވުނު ދުވަސްވަރު ގިނަ ޢަދަދެއްގެ ރައްޔިތުންތަކެއް ދަފްތަރުގައި ޖެހިފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން، މާލޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ބޯހިޔާވަހިކަމެއް ހަމަޖެހިފައިނުވަނީސް މާލޭގައި ދިރިނޫޅޭ ގިނަ ޢަދަދެއްގެ ބަޔަކު ކުއްލިއަކަށް ދައްތަރަށް އިތުރުވެފައިވާއިރު، ފާއިތުވީ އަހަރުތަކުގެ ތެރޭގައި ދަފްތަރަށް މީހުން އިތުރުނުވާވަރަށް އެ އަހަރު މީހުން ދަފުތަރަށް އިތުރުވެފައިވާކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރުކަންކަން
- 2018 ވަނަ އަހަރު ކުއްލިގޮތަށް ދަފްތަރުގައި މީހުން ޖައްސާފައި ވަނީ ބައެއް މީހުން ރަށްރަށުގެ ރަޖިސްޓަރީން ނުކެނޑިކަމަށް މާލެ ސިޓީ ކައުންސިލުން ފާހަގަކޮށްފައިވާކަން.
- ދަފްތަރުގައި މީހުން ޖެހިފައިވާ އަދަދާއި މާލޭގައި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ މިންވަރު ގިނަވެފައިވުމާއެކު، ޚާއްޞަކޮށް މާލޭގެ ރަށްވެހިންގެ ތެރެއިން ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހަމަޖެހިފައިނުވާ ހިނދު، ދަފްތަރުގައި މިހާތަނަށް ޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ގޮތަކާމެދު، މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އަދި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަންބޮޑުވުން ފާޅުކުރައްވާފައިވާ ހިނދު، އެކަމަށް ޙައްލެއް ގެންނަންޖެހޭކަން،
- މާލެ ސިޓީ ކައުންސިލުން ކޮމިޓީއަށް ހިއްސާކޮށްފައިވާ މަޢުލޫމާތަށް ރިޢާޔަތްކުރާއިރު، ދަފްތަރު ތަޢާރަފުކުރެވުނީ 1960 ގެ އަހަރުތަކުގެ ތެރޭގައިކަމާއި، ދަފްތަރުގައި މީހުން ޖެއްސުމުގައި ޢަމަލުކުރެވެމުންދަނީ 1978 ވަނަ އަހަރު ފާސްކޮށްފައިވާ ޤާނޫނެއްގެ ދަށުންކަމާއި، ދަފްތަރުގައި މީހުން ޖެއްސުމުގެ ގަވާއިދެއް ފާސްކޮށްފައިވަނީ 1987 ވަނަ އަހަރުގައިކަން.
އެ ކޮމީޓީގެ ރިޕޯޓުގައި ދަފްތަރާ ގުޅޭގޮތުން3 ހުށަހެޅުމެއް ވެސް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރު ދަފްތަރުގައި ގިނަ ޢަދަދަކަށް އެއްފަހަރާ މީހުން ޖެހިފައިވާ އުސޫލުތައް ސާފުވާންނެތުމުން، މާލެ ސިޓީ ކައުންސިލުން އެކަން ހިނގާފައިވާގޮތް ރަނގަޅަށް ދިރާސާކޮށް ބެލުމަށް ވަނީ ހުށަހަޅާފަ އެވެ.
މީގެއިތުރުން ދަފްތަރުގައި މިހާތަނަށް ޖެހި، ބޯހިޔާވަހިކަން ހަމަޖެހިފައިނުވާ ފަރާތްތަކަށާއި، މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ހަމަޖެހިފައިނުވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އަވަސް ޙައްލެއް ހޯދައިދިނުމަށާއި، ދަފާތަރާ ގުޅޭގޮތުން ހަރުދަނާ ސިޔާސަތުތަކެއް ސަރުކާރުން އެކުލަވާލުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
ތިންވަނަ ކަމަކަށް، ދަފްތަރު ތަޢާރަފްކުރެވުނުއިރު ދިވެހިރާއްޖެ އަދި ޚާއްޞަކޮށް މާލެ އޮތް ޙާލަތަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ފާހަގަކުރެވޭކަމަށާއި، ދަފްތަރު ގުޅޭގޮތުން ހަރުދަން ޤާނޫނީ އޮނިގަނޑެއް ޒަމާނާ އެއްގޮތަށް ތައްޔާރުކުރުން މުހިންމުކަމަށް ފެންނާތީ، އެފަދަ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ވެސް އެ ކޮމެޓީން ވަނީ ހުށަހަޅާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!