01 އެޕްރީލް 2021 އިން ފެށިގެން މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ޙާޟިރުކޮށްގެން ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން މިގޮތައް ނިންމާ އިއުލާނެއް ކޮށްފައިވަނީ މިއަދު އެވެ.

Ad
rt

މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ ގްރޭޑް ހަޔަކުން ދަށުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

ގްރޭޑް ހަޔަކުން ދަށުގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހަމަޖެއްސެވީ މާލެ ސަރަހައްދުގައި ކޯވިޑް-19 އިތުރުވަމުން ދާތީ އެޗްޕީއޭގެ އިރުޝާދުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެއިރު ވަނީ ވިދާޅުވެފަ އެވެ.

ކޯވިޑާ ގުޅިގެން މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް މާލެ ސަރަހައްދުގައި ގްރޭޑް ހަޔަކުން ދަށުގެ ގްރޭޑުތަކަށް ކިޔަވައިދީފައި ނުވެއެވެ. އެހެން ސަރަހައްދުތަކުގައި މިދިޔަ އަހަރުގެ ޖުލައި 1ގައި ސްކޫލުތައް ހުޅުވައި ގްރޭޑް 1 އިން މަތީގެ ދަރިވަރުންނަށް ކިޔަވައިދެމުން ގެންދިޔައެވެ. މިދިޔަ އަހަރު ސްކޫލްތަކަށް ގޮސްގެން ކިޔަވާދިނުން މެދުކަނޑާލާފައިވީ ދުވަސްތަކުގައިވެސް ދަރިވަރުންނަށް އޮންލައިންކޮށްނާއި ޓެލެކިލާސް މެދުވެރިކޮށްވަނީ ކިޔަވާދިނުން ކުރިއަށް ގެންގޮސްފައެވެ.