ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބުރައީސްކަން ވެސް ކުރަށްވާ ޝިޔާމް ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން ޕީޕީއެމްގެ ކައުންސިލް މެންބަރ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

Ad
rt

އޭނާ ވިދާޅުވީ ޝިޔާމް ޕާޓީގެ ހަރަކާތްތަކުގައި ނޫޅުއްވާތާ މިހާރު ދުވަސްކޮޅެއްވެފައިވާކަމަށެވެ. އެހެންކަމުން ޕާޓީ ތެރޭގައި ޝިޔާމްގެ ޑައިރެކްޓް ކޮންޓެކްޓެއް ހުންނާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

''ޝިޔާމްގެ މަޖިލިސް މަސައްކަތްތައް ހުރިގޮތުން ޕާޓީ މަސައްކަތްތަކަށް ވަޑައިނުގަންނަވާތާ ދުވަސްކޮޅެއްވެއްޖެ، އެހެންވީމަ އެޗްޕީއޭއިން ބަލާ މުއްދަތުގައި މިކޮޅުގައި އޭނައާއި ސީދާ ބައްދަލުވި މީހެއް ހުރިކަމަށް އެނގިފައެއްނެތް، ދެން މަޖިލިސް ތެރޭ އެ އުޅުއްވީ'' އޭނާ ވިދާޅުވިއެވެ.

މެންބަރު ޝިޔާމްއާއި ޑައިރެކްޓް ކޮންޓެކްޓެއް ނެތް ކަމަށް މަޖިލިސްއިން އަދި ހާމަކުރެއްވި ކަމެއް ނޭނގެއެވެ. ނަމަވެސް މާރިޗް 16 ވަނަ ދުވަހު އޮތް މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާގައި ޝިޔާމް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޝިޔާމްގެ ކުރީން އެމްޑީޕީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވެސް ކޯވިޑްއަށް ޕޮޒިޓިވްވިއެވެ. އާޒިމް ޕޮޒިޓިވްވީ އޭނާގެ އުފަންދުވަސް ފާހަގަކުރަން މިޖިލިސްތެރޭ ގައިގޯޅިކޮށް ކޭކެއްވެސް ފެޅިތާ ދުވަސް ކޮޅެއްފަހުންނެވެ.