ދީނީޢިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބުދުއްލަތީފަކީ މުނާފިގެއް ކަމަށާއި، އޭނާ ހައްޔަރުކޮށް އެކަހެރި ކުރަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ގޮވާލައިފިއެވެ.
އާޒިމް މިހެން ގޮވައިލީ ޑރ. އިޔާޒް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓެއްގަ އެވެ.
ޑރ. އިޔާޒްގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ''ވަރަށް ބޮޑު ނުބައެއްގެ ފެށުން، ﷲ އަޅަމެން ރައްކާތެރިކޮށް ދެއްވާށި، އާމީން'' މިހެންނެވެ. ޑރ. އިޔާޒް މިހެން ވިދާޅުވެ ރިޕްލައިކުރަށްވާފައިވާ ޓްވީޓަކީ އޮންލައިން ނޫހަކުން ''މާލޭގައި ގައިދުރުކޮށް ހުކުރުކުރީ ނަމެއްގައި'' މި ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރެއްގެ ލިންކަކަށެވެ.
ޑރ. އިޔާޒަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ، ''ދިވެހި މުޖުތަމައުގެ އިތުރަށް އިސްލާމީ އުއްމަތް ބައިބައިކުރަން މަސައްކަތްކުރާ މިފަދަ މުނާފިގުން ހައްޔަރުކޮށް އެކަހެރި ކުރަން ގޮވާލަން'' މިހެންނެވެ.
''މީނާ ދޫކޮށްފައި ބަހައްޓައިފިނަމަ އަންހެން ދަރިން މަރަންވެސް ގޮވާފާނެ'' ފުލުހުންގެ އިދާރާ ޓެގްކޮށްފައިވާ އެ ޓްވީޓްގައި ވެއެވެ.
އާޒިމްގެ ނުރުހުން ޑރ. އިޔާޒަށް އަމާޒްވެ އެކަހެރިކޮށް، ހައްޔަރުކުރަން ގޮވާލިއިރު، ސޯޝަލް މީޑިއާގައި ފާޅުކުރަށްވާފައިވާ ޚިޔާލުތަކަކާއި ގުޅިގެން، އެ މައްސަލަ ބަލަމުންދާތީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނެވި ޑރ. އިޔާޒް ވަނީ 14 ދުވަހަށް ސަސްޕެންޑް ކޮށްފައެވެ. އެމްއެންޔޫއިން ޑރ. އިޔާޒް ސަސްޕެންޑްކުރީ އިއްޔެ ކަމަށް މައުލޫމާތު ލިބެއެވެ.
ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމްގެ މި މޭރުމުން، ޑރ. އިޔާޒަށް ބަސްތައް ރައްދުކުރެއްވިއިރު، ޑރ. އިޔާޒަކީ ވެރިކަން ކުރާ ކޯލިޝަންގެ ބައިވެރިއެެއްކަމަށްވާ އަދާލަތު ޕާޓީގެ އިސް އިލްމްވެރިއެކެވެ.
ނަމާދުގައި ގައިދުރުކުރުމުގެ މައްސަލާގައި ޚިޔާލު ތަފާތުވެ އެކަމާދެކޮޅު ހެއްދެވި ނަމަވެސް ޑރ. އިޔާޒް މިހާތަނަށް ވެސް އައީ މި ސަރުކާރާއި ރައީސް ޞާލިޙަށް ވެސް ތާއީދުކުރަށްވާ، ޓްވީޓްތައް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!