ރާއްޖޭގައި ހުރި ޤުދުރަތީ ގޮތުން މުއްސަނދި އިތުރު ސަރަޙައްދުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ހާމަކުރައްވައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީއާ ހަވާލާދީ ދައުލަތުގެ މީޑިޔާއިން ބުނެފައިވަނީ މިގޮތަށް ހިމާޔަތް ކުރެވޭ ގިނަ ސަރަޙައްދުތަކަކީ މަސްވެރިކަމާއި ފަތުރުވެރިކަމާ ގުޅިފައިވާ ސަރަޙައްދުތަކެއްކަމުގައެވެ. އެހެންކަމުން، ހިމާޔަތްކުރުމުގެ ކުރިން، ފިޝަރީޒް މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުންދާކަމަށް ހާމަކުރައްވާފައިވެއެވެ.
ހަމައެހެންމެ، ހިމާޔަތް ކުރުމަށް ނިންމާފައިވާ ބައެއް ސަރަޙައްދުތައް ފައިނަލްކޮށް، ރަސްމީކޮށް އެކަން ކަނޑައެޅުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ލަފައަކަށްވެސް އެދިފައިވާކަމަށާއި ވަރަށް އަވަހަށް މިފަދަ ބައެއް ތަންތަން އިއުލާނުކުރާނެކަމަށްވެސް ބުނެފައިވެއެވެ.
މި އަހަރުގެ ތެރޭގައިވެސް ތިލަދުންމަތީގެ ބައެއް ސަރަޙައްދުތައްވަނީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައަޅާފައެވެ. އޭގެތެރޭގައި ހދ. ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ހިސާބުތަކާއި ހދ. ނޭކުރެންދޫ އަދި ހއ. ބާރަށުގެ ޗަސްބިންތައްވެސް ހިމެނެއެވެ. ހަމައެހެންމެ، އެއަރޕޯޓު އެޅުމަށް ހިއްކި، ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި ހިމާޔަތްކުރުމަށްވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!