ހުޅުމާލޭގައި ''ސީލައިފް ކޮމްޕްލެކްސް'' ނަމުގައި އެޕާޓްމަންޓްތަކެއް އިމާރާތްކޮށް ވިއްކުމުގެ ނަމުގައި ގިނަ ބަޔަކަށް އޮޅުވާލައިގެން ފައިސާ ނަގާފައިވާތީ، ދިވެހި ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން، އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވާ، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑައިރެކްޓަރ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހައްޔަރުކޮށްފި އެވެ.
އައްމަޓީ ހައްޔަރުކޮށްފައިވަނީ ލަންކާގަ އެވެ. އައްމަޓީ ހައްޔަރުކޮށްފައިވާކަން އިންޓަޕޯލް އިން ދިވެހި ފުލުހުންނަށް މިހާރު އަންގާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ، ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު ހައްޔަރުކޮށްފައިވާ ކަމަށް އިންޓަޕޯލް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަންގާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އިތުރަށް ފުރުހަމަކުރަން ޖެހޭ ކަންކަން އިންޓަޕޯލާއި ގުޅިގެން ފުރިހަމަކުރަމުން ގެންދަވާ ކަމަށެވެ.
އައްމަޓީ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
އައްމަޓީ އެމްޑީއެއްގޮތުގައި ހުރި ސީލައިފްއިން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރުމުން އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް 280 މީހަކު، އެއިން ކޮންމެ މީހަކު ބުކިން ފީ ދެއްކި އެވެ.
މިގޮތުން އެ ފީގެ ގޮތުގައި ކޮންމެ އެޕާޓްމަންޓަަކަށް 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން އެ ކުންފުންޏަށް ވަނީ ފައިސާ ނަގައިފަ އެވެ. ނަމަވެސް އެ މަޝްރޫއު ފުރިހަމަނުވެ، ފައިސާ ދެއްކި މީހުން އަނބުރާ ފައިސާ ހޯދަން މަސައްކަތް ފެށިއެވެ.
ސީލައިފް މައްސަލާގައި އެ ކުންފުނިން ފްލެޓް ގަތް 203 މީހަކު، ފައިސާ އަނބުރާ ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ. ކޯޓުން ބޭރުގައި އެ މައްސަލަ ނިންމައި ބަދަލުގެ ގޮތުގައި 43 މިލިއަން ރުފިޔާ ދޭންް އެޗްޑީސީން ވަނީ ނިންމާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!