ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސެލްއާއި ޕެޓްރޯލްގެ އަގަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފި އެވެ.
އެކުންފުނިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ހުުއްޓުމެއްނެތި އުފުލެމުން އަންނާތީ އެސްޓީއޯއިން ވިއްކާ ޑީސެލްއާއި ޕެޓްރޯލް އަގުބޮޑުކުރަން ޖެހިފައިވާކަމަށެވެ.
އަލަށް ގެނައި ބަދަލާއެކު ޑީސެލް ލީޓަރެއްގެ އަގު ވަނީ 8.71 ރުފިޔާއިން 9.19 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. މީގެ ކުރިން 8.07 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 8.44 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.
މި ބަދަލަށް އަމަލުކުރަން ފަށާނީ މިއަދު (21 ފެބްރުއަރީ)އިން ފެށިގެންނެވެ.
އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލެއް ގެނެސްފައިވަނީ މިދިޔަ އަހަރުގެ މާޗު 21 ވަނަ ދުވަހުގަ އެވެ. އެފަހަރު އެސްޓީއޯއިން ވަނީ އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގުތައް އޭގެ ކުރިން ހުރި ވަރަށްވުރެ ކުޑަކޮށްފަ އެވެ. އޭރުގެ އަގާއި ބަލާއިރު މިރޭ މިވަނީ ޑީސަލް ލީޓަރަކުން 48 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 37 ލާރި ބޮޑުކޮށްފައެވެ.
— STO (@stoplc) February 20, 2021
ކޯވިޑް-19ގެ ސަބަބުން ގިނަ ގައުމުތަކެއް ފުރަބަންދުކުރުމާއި ދަތުރުފަތުކުރުން ހުއްޓާލުމާއި އެކު ތެލަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ. އެހެން ނަމަވެސް ހާލަތު ރަނގަޅުވެ ދަތުރު ފަތުރު ކުރުން އިތުރު ވުމާއި އެކު ކުރިއެކޭއި އެއްގޮތަކަށް ތެލުގެ އަގު ވަނީ އުފުލެންފަށާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!