ފަލަސްޠީނު ސަރުކާރުން ޣައްޒާއަށް ފޮނުވި ކޯވިޑް-19ގެ 200 ވެކްސިން ހައްދުފަހަނަ އެޅި އިސްރާއީލުން ހިފަހައްޓައިފި އެވެ.

އިސްރާއީލުގެ ހިސާރުގެ ދަށުގައި އޮތުމުގެ ސަބަބުން ޒަރޫރީ ބޭސްތައްވެސް ލިބުން ދަތިކޮށްފައި އޮންނައިރު، އިއްޔެގެ ވަގުތެއްގައި ޣައްޒާއަށް ފޮނުވި މި 2000 ވެކްސިންގެ ޑޯޒްތަކަކީ ފާއިތުވި 14 އަހަރުގެ ތެރޭގައި ޣައްޒާ ފޮނުވި ފުރަތަމަ ވެކްސިންއެވެ.

Ad
rt

ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފަލަސްޠީނު ސަރުކާރުން ދަނީ ޣައްޒާއަށް ވެކްސިން ވެއްދޭނެ ގޮތެއް ހޯދުމަށް ބައިނަލްއަގުވާމީ ފަރާތްތަކާއި މަޝްވަރާ ކުރަމުންކަމަށެވެ.

ފަލަސްޠީނުގެ ހެލްތު މިނިސްޓަރު މައްޔު އަލްކައިލާ ބޭރުގެ ބައެއް ނޫސްތަކަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވި ގޮތުގައި 2000 ވެކްސިން އަކީ ކޯވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ދިނުމަށް ފޮނުވި ވެކްސިނެވެ.

މި 2000 ވެކްސިންގެ ޑޯޒް އަކީ ރަޝިޔާގެ ސްޕަޓްނިކް-ވީ ވެކްސިން އެވެ.

"އިސްރާއީލުންވަނީ އެ ވެކްސިން ޣައްޒާއަށް ވެއްދުން މަނާކޮށްފައި. އެއީ ކޮވިޑް-19 ގެ ބަލިމީހުންނަށް ޚާއްސަ އައިސީޔޫގައި މަސައްކަތްކުރާ ސިއްހީ ޓީމުތަކަށާއި، އެމަޖެންސީ ޔުނިޓުތަކުގައި މަސައްކަތްކުރާ ޓީމުތަކަށް ފޮނުވި ވެކްސިން. ބައިނަލް އަގުވާމީ ހުރިހާ ހަމަތަކާއި، ގާނޫނުތަކާއި ޚިލާފަށް އެޅި މި އަނިޔާވެރި ފިޔަވަޅުގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ އިސްރާއީލުން އުފުލަން ޖެހޭނެ."

ހެލްތު މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މިއަދާއި ހަމައަށް ފަލަސްޠީނުން 168,444 ކޯވިޑް-19 ކޭސް ފެނިފައިވާއިރު މިބަލީގައި 1,936 މީހުން ވަނީ މަރުވެފައެވެ.

އިސްރާއީލުން 2006 ވަނަ އަހަރުން ފެށިގެން ޣައްޒާއަށް ކުރިމަތި ކުރަމުންދާ ފިއްތުންތަކުގެ ސަބަބުން، އިސްރާއީލީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުގައި ތަދުމަޑުކަން އިތުރުވެ، އާމްދަނީ ހޯދަން ކުރާނެ މަސައްކަތެއް ނެތިފައި ތިބި މީހުންގެ އަދަދު ވަނީ މައްޗަށް އަރާފައެވެ.