ދިވެހިރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް، ޕްލާސްޓިކުން ކުރާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި އުފައްދާފައިވާ ޖަމްއިއްޔާއެއްކަމަށްވާ "ނޯ-ޕްލާސްޓިކް މޯލްޑިވްސް"ގެ ހިންގާ ކޮމެޓީ އިންތިހާބުކޮށްފިއެވެ.

‎ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން، ނޯ-ޕްލާސްޓިކް މޯލްޑިވްސްގެ ހިންގާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުގެ މަތިން މި ޖަމްއިއްޔާގެ ހިންގާ ކޮމެޓީ އިންތިހާބު ކޮށްފައިވަނީ ރޭ ބޭއްވި އިންތިހާބީ ޖަލްސާގައެވެ. މި ޖަލްސާ ބާއްވާފައިވަނީ އެޗްޕީއޭގެ މިންގަނޑުތަކަށް ތަބާވުމުގެ ގޮތުން ވާޗުއަލްކޮށެވެ.

Ad
rt

ޖަލްސާގެ ކުރިން ޖަމްއިއްޔާގެ ހިންގާ ކޮމެޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތުގައި ސެކްރެޓަރީގެ މަގާމު ފިޔަވައި އެހެން މަގާމުތަކަށް ކުރިމަތިލާފައިވަނީ އެންމެ މީހެއްކަމުން، ޖަމްއިއްޔާގެ ހިންގާ ގަވާއިދުގެ ދަށުން މި ޖަލްސާގައި ވޯޓު ނަގާފައިވަނީ ހަމައެކަނި ސެކްރެޓަރީގެ މަގާމަށްކަމަށް އެ ޖަމްއިއްޔާއިން މައުލޫމާތުދެއެވެ.

‎ތިރީގައި މިވަނީ ނޯ-ޕްލާސްޓިކް މޯލްޑިވްސްގެ ހިންގާ ކޮމެޓީގައި ތިއްބަވާނެ ފަރާތްތަކެވެ. މިފަރާތްތައް މި މަގާމުތަކަށް އިންތިހާބު ކޮށްފައިވަނީ ދެއަހަރުގެ މުއްދަތަކަށެވެ.

‎ރައީސް: އަހުމަދު ނުއުމާން

‎ނައިބު ރައީސް: ޝަމްޢާން ޝާކިރު

‎ސެކްރެޓަރީ: ހަނާން ސައީދު

‎ޚަޒާންދާރު: ނުޒްހާ ނާޝިދު

‎ބޯޑް މެންބަރުން: އެޒްގީ ކްރިސްޓެލް މެންޓޭސް، މުހައްމަދު އަދުނާން

ނޯ ޕްލާސްޓިކް މޯލްޑިވްސްއިން ބުނީ އެ ޖަމްއިއްޔާގެ އުންމީދަކީ މިރޭ އިންތިހާބުވި އާ ބޯޑާއި އެކު، ޖަމްއިއްޔާގެ ހަރަކާތްތައް އިތުރަށް ފުޅާވެ ކުރިއަރައިގެން ދިއުންކަމަށެވެ. އެގޮތުން ސަރުކާރުން އިއުލާންކޮށްފައިވާ ޕްލާސްޓިކް ފޭސްއައުޓް ކެމްޕެއިންނާއި ގުޅިގެން އާންމުން ހޭލުންތެރިކުރުވުމާއި އަދި އެދާއިރާގެ އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ވަނީ ބުނެފައެވެ.