މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއަރކުރާ ކުންފުނިތަކުން މުދާ ނެރުމުގައި އަމަލުކުރަމުންދާ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށް އެ ފަރާތްތަކާ އެއްކޮށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް އިން ބުނެފި އެވެ.
އެކުންފުނިން މިހެންބުނެފައިވަނީ، މާލޭ ވިޔަފާރި ބަނދަރުގައި 7 ޖަނަވަރީ 2021 ވަނަ ދުވަހުގެރޭ، ކޮންޓޭނަރަކުން ބިއްލޫރި ކްރޭޓެއް ނެރުމަށް މަސައްކަތްކުރަނިކޮށް، ނުރައްކާތެރި ހާދިސާއެއް ހިންގައި ޒުވާނަކު ނިޔާވި ހާދިސާއާއި ގުޅިގެން އިއްޔެ ނެރުނު ނޫސް ބަޔާނެއްގަ އެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ހިތާމަވެރި ޙާދިސާ ދިމާވި ސަބަބުތައް ދެނެގަނެ، މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެ ކުންފުނިން އަޅާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. އަދި ވިޔަފާރި ބަނދަރުގައި މަސައްކަތްކުރަމުންދާ މުދާ ކްލިއަރކުރާ ކުންފުނިތަކާއި އަދި އެހެން ފަރާތްތަކުން ވެސް، ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަން ދިނުމަށް މި ކުންފުނިން އިލްތިމާސްކުރާކަމަށް ބުނެފައިވެއެވެ. އަދި މާލެ ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރި މާޙައުލެއް ކަށަވަރުކުރެވޭނީ ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތްކޮށްގެންކަން ފާހަގަކުރައްވާފައިވެ އެވެ.
ޢަބްދުالله އާސިމް، ފޭރުގަސްދޮށުގެ / ނ.ލަންދޫ ނިޔާވުމަކީ މި ކުންފުނިން ނުހަނު ހިތާމަކުރާ ކަމެކެވެ. މި ފުރުސަތުގައި، މަރުޙޫމްގެ ޢާއިލާ އަށް އެމް.ޕީ.އެލްގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ކިޔަމެވެ. އަދި މަރުޙޫމުގެ ފާފަ ފުއްސަވައި، ސުވަރުގެގޭގެ ދާޢިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި މާތްالله ގެ ޙަޞްރަތުގައި ދުޢާ ދަންނަވަމެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޑެޓް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މާލޭ ވިޔަފާރި ބަނދަރުގައި ހިންގަމުންދާ މައިގަނޑު އޮޕަރޭޝަންސްތަކަކީ ނުރައްކާތެރި މަސައްކަތްތަކެއްކަމަށާއި ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ކުންފުނިން ބޮޑު ސަމާލުކަމެއް ދޭކަމަށް ބުނެފައިވެއެވެ. އަދި ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތްތަކަށް އަމާޒުކޮށް، އެ ކުންފުނިން ވާނީ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ވަނީ އުސޫލުތަކެއް ކަނޑައަޅައިފަ ކަމަށް ބުނެފައިވެއެވެ. އަދި ވިޔާފަރި ބަނދަރުގައި ސަލާމަތާއި ރައްކާތެރިކަން ބޮޑު މާހައުލެއް ޤާއިމްކުރުމަކީ އެ ކުންފުނިން ނުހަނު ބޮޑު އަހައްމިއްޔަތެއް ދޭ ކަމެއްކަންވެސް ފާހަގަ ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!