ވޯރާ ވިޔަފާރި ހަރަކާތްތައް ރާއްޖޭގައި މަނާ ކުރެވުނުއިރު އޮތް ހާލަތަށް ވުރެން މިއަދުގެ ރާއްޖޭގެ ހާލަތު ގޯސްވެފައިވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބުދުއްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

18 ވަނަ މަޖިލިސްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިމެނި ވަޑައިގެންނެވި، މިހާރުވެސް އެމްޑީޕީގެ މެންބަރެއް ގޮތުގައި ހުންނެވި ރުކުމާ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

ރުކުމާއަކީ ފުޅާދާއިރާއެއްގައި މަހުގެ ބާވަތްތައް ގަނެ، ވިއްކުމުގެ ވިޔަފާރީގައި މިހާރު ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ. މިގޮތުން އޭނާ ގެންދަވަނީ އަތޮޅުތަކުން މަސްވިއްކޭނެ ފުރުޞަތުތައް ހަނިވެފައިވާ އެތައް ބަޔަކަށް އެ ފުރުޞަތު ތަނަވަސް ކޮށްދެއްވަމުންނެވެ.

ރުކުމާ ކުރެއްވި ޓުވީޓުގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ގޮންޖެހުންތައް ގިނަކަން ފާހަގަކުރަށްވާ ވަނީ، ބިދޭސީންގެ ސަބަބުން ދިވެހި ވިޔަފާރިތަށް ބަނގުރޫޓް ވެއްޖެކަމަށް ވިދާޅުވެފައެވެ.

''ވޯރާ ވިޔަފާރި ހަރަކާތްތައް ރާއްޖޭގައި މަނާ ކުރެވުނުއިރު އޮތް ހާލަތަށް ވުރެން މިއަދުގެ ހާލަތު ގޯސްވެ މުހިންމު ވިޔަފާރިތަކާއި ޙިދުމަތްތަކާއި މަސައްކަތްތަކާއި ނުފޫޒު ބިދޭސީންގެ މުށުތެރެއަށް ފިރުކި ދިވެހި ވިޔަފާރިތަށް ބަނގުރޫޓް ވެއްޖެ. އަވަސް ހައްލެއް ބޭނުން.''

ރުކުމާ ވިދާޅުވިއެވެ.

ރުކުމާ މީގެކުރިން ވެސް ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންތަކެއް، ފެލިވަރުގައި2020 ވަނަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހުކުރި އިހުތިޖާޖާއި ގުޅިގެންވެސް ޝުއޫރު ފާޅުކުރަށްވާފައެވެ. އެދުވަހު ޝީލްޑް ތަކެއް ހިފައިގެން ހިނގާފައިދާ ފުލުހުންތަކެއް ފެންނަ ފޮޓޯއެއް ހިމަނުއްވައި ކުރެއްވި ޓުވީޓެއްގެއްގައި އޭނާ ވިދާޅުވީ، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ ޝުޢޫރު ފާޅުކުރުމުން، ސަފުހަދާފަ ފެލިވަރަށް ދާންޖެހޭނީ ދައުލަތުގެ އިސް ފަރާތްތަށް ކަމަށެވެ.

މީސްމީޑިއާގައި ދައުރުވި އެ ފޮޓޯތަކަށް ބަލާއިރު، އެ ފޮޓޯއިން ފެންނަ ފުލުހުންނަކީ އެދުވަހު ފެލިވަރުގައި ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ވިއްސަކަށް ދޯނީގެ މަސްވެރިން ބައިވެރިވެގެން ކުރި އިހުތިޖާޖު ހުއްޓުވަން ދިޔަ ފުލުހުން ކަމަށް ބެލެވެއެވެ.

އެދުވަހު ރުކުމާ ވިދާޅުވީ، ''މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ ޝުޢޫރު ފާޅުކުރުމުން، ސަފުހަދާފައި ފެލިވަރަށް ދާންޖެހޭނީ ދައުލަތުގެ އިސް ފަރާތްތަށް. މަސްވެރިންނަކީ އަބަދުވެސް ސުލްހަ އިސް ކުރާ ބައެއް.. ނަމަނަމަ 50,000 މަސްވެރިންނާ ތިމޭރުމުން ދިމާނުކުރާތި ގޯސްވާނެ'' މިހެންނެވެ.

ނޯޓު: ބުނެވޭގޮތުގައި ވިޔަފާރިވެރިންނަކީ އުތުރު ކަރައިގެ ގުޖުރާތަށް ނިސްބަތްވާ ބަޔެކެވެ. އެ ވޯރާ ވިޔަފާރިވެރިންނަކީ، ވޯރާއިންގެ ދުވަސްވަރު، މާލޭގެ ވާދަވެރި ބޮޑުންނާއި ގާތްގުޅުންތަކެއް ބަދަހިކޮށް، ވޯރާއިންގެ ނުފޫޒު ސަރުކާރުގެ ސިޔާސަތުތަކަށާއި ހިންގުމަށް ވާޞިލްކުރުވި ބަޔެކެވެ. ވޯރާއިންގެ ބާރާއި ނުފޫޒު ދިވެހި އިޤްތިޞާދުގެ ތެރެޔަށް ފެތުރިގެން ދިޔައީ ގޮތްނޭނގޭ ބާރު މިނުގައި ކަމަށް ބައެއް ތާރީޚީ ލިޔުންތެރިން ލިޔުއްވައެވެ. މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ ވިޔަފާރީގެ ހުރިހާ ފަންތިއަކުން ދިވެހީން އެއްކިބާ ވެގެންދިޔަކަމަށާއި، ދިވެހި ރާއްޖޭގައި ވޯރައިންގެ ބާރު ގަދަވެ، ނަވާރަވަނަ ޤަރުނުގެ ފަހުފަޅީގައި މާލޭ ބާޒާރުގައި 7 ވޯރާ ފިހާރަ ހުރިކަމަށް ވެއެވެ. ނަމަވެސް، 1950 ގައި 50 ވޯރާ ފިހާރައަށް އެ ޢަދަދު އިތުރުވި ކަމަށް ބުނެވެއެވެ. ދިވެހިންގެ މިލްކިއްޔާތުގައި މާލެޔާއި ބޭރުގެ ބަނދަރުތަކާއި ދެމެދު މުދާއުފުލާ 28 އުޅަނދު ނަވާރަވަނަ ޤަރުނުގެ މެދުތެރޭ އޮތްއިރު، ވޯރާއިން ރާއްޖެއިން ފައްސާލެވުނުއިރު ބާކީ އޮތީ 4 އުޅަނދުކަމަށް ވެސް ބުނެވެއެވެ. އަދި ވޯރާއިންގެ ނުފޫޒުން ދިވެހި މަސްވެރީންނަށް 50 ކިލޯގެ މަސް 7ރ. އަށް ވިއްކަން މަޖުބޫރުވި ކަމަށްވެސް ބުނެވެއެވެ.