އެންޕީކޭ އަކީ ގަސްގަހާގެއްސަށް ކާނާގެ ގޮތުގައި ބޭނުންވާ މައިގަނޑު 3 އުންސުރު ރަމްޒުކޮށްދޭ 3 އަކުރެވެ. އެއީ ނައިޓްރިޖަން، ފޮސްފޮރަސް އަދި ޕޮޓޭސިއަމް އެވެ. ފިހާރަތަކުން ވިއްކާ ކާނާ ޕެކެޓާއި ފުޅީގައި މިގޮތަށް ލިޔެފައި ހުރެއެވެ.

މި ތިން އުސުރަކީ މާކަނާދެވެ. އެއީ ގަހަށް ކޮންމެހެން ބޭނުންވާ 3 އުންސުރަށް ވާތީ މާކަނާދު ކިޔަނީ އެވެ. މަދުންބޭނުންވާ އުންސުރުތަކަށް ކިޔަނީ ލީކަނާދެވެ. އެއީ ކެލްސިއަމް، ފެރަން (އަޔަން)، މެގްނީސިއަމް، މެންގަނީޒް، ބޯރޮން ފަދަ އުންސުރުތަކެވެ.

Ad
rt

ދެން އޮތީ މާކަނާދުކަމުގައިވާ އެން، ޕީ އަދި ކޭ އާއެކު ލިޔެފައި ހުންނަ ނަންބަރުތަކެވެ. މިސާލަކަށް ފްލޯރަލް 20 20 20 ނަގަމާހެއްޔެވެ؟

ފްލޯރަލް އަކީ ބްރޭންޑް ނަމެވެ. ވާތްފަރާތުގައި އެވާ 20 އަކީ ނައިޓްރިޖަން އެކުލެވޭ އިން ސައްތަ އެވެ. މެދުގައި އެއިން 20 އަކީ ފޮސްފަރެސް އެކުލެވޭ އިން ސައްތަ އެވެ. ކަނާތް ފަރާތުގައި އެވާ 20 އަކީ ޕޮޓޭސިއަމް އެކުލެވޭ އިންސައްތަ އެވެ. ވީމާ މިކާނާގައި އެކުލެވެނީ 60 އިންސައްތަ މާކަނާދެވެ. ބާކީ 40 އިންސައްތަ އަކީ ލީ ކަނާދު ކަމަށް ބެލެވިދާނެ އެވެ.

ފްލޯރަލް 20 20 20

މިޕެކެޓުގައި މާކަނާދުގެ އެކުލެވިގެން ވަނީ ހަމަ ހަމަ އަށެވެ. ގަސް ފެހިކޮށް ހެއްދުމަށާއި، މަލާއި މޭވާ އެޅުވުމަށް މިކާނާ ޕެކެޓުން ހަމަ ހަމަ ގޮތެެއްގައި އެހީވެދެއެވެ.

މިހާ ހިސާބުން ގަސް 3 ބަޔަށް ބަހައިލަމާހެއްޔެވެ؟ މަތީ ބަޔާއި، ތިރީ ބަޔާއި މެދު ބަޔަށެވެ. ގަސް ފެހިކޮށް ހެދުމުގެ ކަންކަން ހިނގަނީ ގަހުގެ މަތީ ބައިގައެވެ. މި ކަމަށް ބޭނުންވަނީ ވާތްފަރާތުގައި އެވާ އެން ނުވަތަ ނައިޓްރިޖަންއެވެ. ގަސް ފެހިކޮށް ހެއްދުމަށް ގިނައިން ނައިޓްރިޖަން ބޭނުންވެއެވެ. މިކަމަށް ޚާއްޞަ ކާނާ ޕެކެޓުގައި އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ލިޔެފައި އިންނާނީ ވާތްފަރާތުގައި 'އެން' އަށް ވާ އަދަދެވެ.

ނައިޓްރިޖަން، ފޮސްފޮރަސް އަދި ޕޮޓޭސިއަމް (އެންޕީކޭ)ގެ ދައުރު

ގަހުގެ މޫތައް ތަރައްޤީވުމުގެ ކަންކަން ހިނގަނީ ގަހުގެ ތިރީ ބައިގައެވެ. މި ކަމަށް ބޭނުންވަނީ މެދުގައި އެވާ ޕީ ނުވަތަ ފޮސްފޮރަސްއެވެ. ގަހުގެ މޫތައް ރަނގަޅަށް ތަރައްޤީވުމަށް ގިނައިން ފޮސްފޮރަސް ބޭނުންވެއެވެ. މިކަމަށް ޚާއްޞަ ކާނާ ޕެކެޓުގައި އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ލިޔެފައި އިންނާނީ މެދުގައިވާ 'ޕީ' އަށް ވާ އަދަދެވެ.

ގަހުގައި މަލާއި މޭވާ އެޅުމުގެ ކަންކަން ހިނގަނީ ގަހުގެ މެދު ބައިގައެވެ. މި ކަމަށް ބޭނުންވަނީ ކާނާޕެކެޓްގެ ލޭބަލްގައި ފަހު އަދަދުގެ ގޮތުގައި އެވާ ކޭ ނުވަތަ ޕޮޓޭސިއަމްއެވެ. ކުރިން ކޭލިއަމް ކިޔާތީ 'ކޭ' ކިޔަނީއެވެ. މަލާއި މޭވާ އެޅުވުމަށް ގިނައިން ޕޮޓޭސިއަމް ބޭނުންވެއެވެ. މިކަމަށް ޚާއްޞަ ކާނާ ޕެކެޓުގައި އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ލިޔެފައި އިންނާނީ ކަނާތްފަރަަތުގައި 'ކޭ' އަށް ވާ އަދަދެވެ.

މިހާތަނަށް މިލިޔުމުގައިވާ ވާހަކަތަކަށް އަދި އެއްފަހަރު ނަޒަރު ހިންގާލާށެވެ. އޭރުން ގަސް ހެއްދުމުގައި ބޭނުންކުރާ ގިނަ އަދި އާއްމު ކާނާތަކުގެ ބޭނުމާއި ކޮންކަމަކަށް ދޭނީ ކޮން ކާނާއެއްކަން ދަސްވީއެވެ.

މިހާހިސާބުން ސައިންސްގެ ނަޒަރުން ނައިޓްރިޖަން، ފޮސްފޮރަސް އަދި ޕޮޓޭސިއަމްގެ ދައުރަށް ޚުލާޞާގޮތެއްގައި ބަލައިލާނަމެވެ.

🌱ނައިޓްރިޖަން
-އައު ސެލް އަދި އެންޒައިމް އުފެއްދުން
-ފަތުގެ ފެހިކުލަ ޖައްސާ މާއްދާ އުފެއްދުން
-ފަތްތަކާއި ގަސްގަނޑުގެ ހެދުމަށް ކޮންމެހެން ބޭނުންތެރި
-ގަހުގެ ހެދިބޮޑުވުން ހަލުއިކޮށްދިނުން
🌱ޮަސްފޮރަސް
-ގަހަށް ފެން ނަގައިދިނުމަށް އެހީތެރިވުން
-މަލާއި މޭވާ އެޅުވުމަށް ކޮންމެހެން މުހިއްމު
-ބަލިތަކުން ރައްކަައުތެރިކޮށްދިނުން
-އަލި އަދި ވައިގެ ބޭނުން ރަނގަޅަށް ހިފުމަށް ގަހަށް އެހީތެރިވުން
🌱ޕޮޓޭސިއަމް
-މޫތަކުގެ ހެދުމާއި މަައު އެޅުން ރަނގަޅުކޮށްދިނުން
-އަވިން ހަކަތަ އުފެއްދުމަށް ކޮންމެހެން މުހިއްމު
-ތެޔޮ، ހަކުރު އަދި ސްޓާޗް އުފެއްދުން
-އިރުގެ ހަކަތަ ކެމިކަލް ހަކަތައަށް ބަދަލުކުރުން

މިޚުލާޞާއަށް ބަލާއިރު ދެ އުންސުރުން އެއް ދައުރެއް އަދާކުރާކަން ފާހަގަވާނެއެވެ. އަދި ވަކިން ބޮޑަށް ފޮސްފޮރަސްއާއި ޕޮޓޭސިއަމް އިން މިކަން ފާހަގަވާނެއެވެ.

ނިންމައިލުމުގެ ކުރިން، މިލިޔުން އެއްކޮށް ފަޙުމްކުރަމުން ކިޔަމުން ދިޔަ ފަރާތްތަކަށް ކުޑަކުޑަ ތަމްރީނެއް ހުށައަޅައިލާނަމެވެ. ބޭނުންނަމަ ކޮމެންޓެއްގެ ގޮތުގައި ޖަވާބު ފުރިހަމަކޮށްލާށެވެ.

1. ކާނާ 10،10،10 ގެ ބޭނުމަކީ ކޮބާ؟
2. ކާނާ 20،10،10 ގެ ބޭނުމަކީ ކޮބާ؟
3. ކާނާ 12،24،24 ގެ ބޭނުމަކީ ކޮބާ؟
4. ކާނާ 0،0،50 ގެ ބޭނުމަކީ ކޮބާ؟

ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތު ތަކެކެވެ.

ހުބާ ޕްލާންޓްސް ފޭސްބުކް

ހުބާ ޕްލާންޓްސް ޓެލެގުރާމް ޗެނަލް