ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލް ކުރުމަށް ބޭނުންވާ ދަރިވަރުންނަށް، މަތީ ތަޢުލީމުގެ ފުރުޞަތުތަކަކަށް ކުރިމަތި ލުމަށް ހުޅުވާލައިފިއެވެ.

މިގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އިން ވަނީ، 2021/2022 ވަނަ އަހަރަށް އޮސްޓްރިއާ ސަރުކާރުން ހުޅުވާލައިފައިވާ ސްކޮލަރޝިޕް ފުރުސަތަށާއި، 2021 ވަނަ އަހަރުގެ ''ކޮމަންވެލް ސްކޮލަރޝިޕް އިން ޔޫކޭ'' ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

Ad
rt

އެ މިނިސްޓްރީއިން ބުނީ 2021/2022 ވަނަ އަހަރަށް އޮސްޓްރިއާ ސަރުކާރުން ހުޅުވާލައިފައިވާ ސްކޮލަރޝިޕް ފުރުސަތުތަކުގައި ދިވެހިރާއްޖޭގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށް އެ ފަރާތުން އަންގާފައިވާ ކަމަށެވެ. އަދި އެ ކޯސްތަކާ ބެހޭ މައުލޫމާތާއި، ކޯސް ކުރިއަށްގެންދާ ޔުނިވަރސިޓީތަކުގެ މައުލޫމާތުތައް www.grants.at ވެބްސައިޓުން ލިބޭނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ''ކޮމަންވެލް ސްކޮލަރޝިޕް އިން ޔޫކޭ 2021''ގެ ދަށުން، މާސްޓަރސް ޑިގްރީ އަށް ކިޔެވުމުގެ 2 ފުރުޞަތަށް އެ މިނިސްޓްރީއިން ވަނީ ހުޅުވާލާފައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން އޮފަރ ކުރާ ކޯސްތަކުގެ މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީއިން ބުންޏެވެ.

މީގެ އިތުރުން މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހުގައި ބައިވެރިވުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ޔުނިވަރސިޓީއެއްތޯ ބަލަން ޖެހޭ ކަމަށެވެ. އަދި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭއިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ބޭރުގެ ގައުމުތަކުން ރާއްޖެއަށް ގިނަ ސްކޮލަރޝިޕްގެ ފުރުސަތުތައް ލިބިމުންދާއިރު، މިހާރުވެސް ގިނަ އަދަދެއްގެ ދަރިވަރުން ދަނީ ބޭރުގެ ޔުނިވަރސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންނެވެ.